އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އޮމަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް މިއަދު "ވަން" އަށް ވިދާޅުވީ އެރަށު ގެއެއްގެ ތެރޭގައި ހަދާފައި ހުރި މަސް ފެންގަނޑަކަށް 11 މަހުގެ ފިރިހެން ކުއްޖަކު ވެއްޓި މިއަދު މަރުވެފައިވާ ކަމަށެވެ. އާއިލާއަށް އެ ކުއްޖާ ފެނުނީ މަސް ފެންގަނޑު ތެރޭގައި އޮއްވައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، ތުއްތު ކުއްޖާ މަރުވި މައްސަލައިގައި ބަަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އޮމަދޫ ކައުންސިލުގެ ރައީސް އާދިލް ވިދާޅުވީ ކުއްޖާ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެ ކުއްޖާ މިރޭ ވަނީ އޮމަދޫގައި ވަޅުލައިފައެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި މަސްފެންގަނޑަށް ވެއްޓި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.