އަތޮޅު ކައުންސިލުތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން އެގޮތަށް ނިންމީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.

އަތޮޅު ކައުންސިލުގެ ރައީސް ނެތް ތަނެއްގައި، ކައުންސިލުގެ އެންމެހާ ޒިންމާއަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނާއިބު ރައީސްކަން ފާހަގަކޮށް، އަތޮޅު ކައުންސިލު ނައިބު ރައީސްގެ މުސާރަ އާއި ކައުންސިލު މެންްބަރުންގެ މުސާރައާ ދެމެދު ފަރަގެއް ހުންނަން ޖެހޭނެ ކަމަށް އެލްޖީއޭއިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ.

އެ ހުށަހެޅުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލުގެ ނާއިބު ރައީސްގެ މުސާރައާ ދެމެދު 1000 ރުފިޔާގެ ތަފާތެއް ހިމަނައި، އަތޮޅު ކައުންސިލުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ކަނޑައަޅަން ވަނީ ފާސްކޮށްފައެެވެ.

މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، އަތޮޅު ކައުންސިލުގެ ރައީސުންނަށް މުސާރައާއި އެލަވަންސާއެކު 28،000 ރުފިޔާ ލިބޭނެއެވެ. ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ ލިބޭނެއެވެ. ސިޓީ ކައުންސިލުތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ލިބޭނެއެވެ.

ރަށު ކައުންސިލުތަކުގެ ރައީސުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 20،000 ރުފިޔާ އަދި ކައުންސިލް މެމްބަރުންނަށް މުސާރައާއި އިނާޔަތްތަކާއެކު 13،000 ރުފިޔާ ލިބޭނެއެވެ.