ހިޔާ ޓަވަރުތަކުގެ ތެރެއިން ނުވަވަނަ ޓަވަރާއި ދިހަވަނަ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެ ޓަވަރުން ފުލެޓު ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށެވެ.

އެމީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާއެކު، ޓަވަރަށް ދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މިމަހުގެ 17 ވަނަ ދުވަހު ފެށިގެން ކުރިއަށްގެންދާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ދެ ޓަވަރަށެވެ. އަދި މިހާތަނަށް 11 ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަންކޮށް ނުނިމި ހުރި އަށް ޓަވަރުގައެވެ.