ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، 17 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޅައިމަގުން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ، އިއްޔެ ށ.ފީވަކު މެޖިސްޓްރޭޓްސް ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އިތުރަށް ވިދާޅުވީ ކުޑަ ކުއްޖާ ރަހީނު ކުރި މައްސަލާގައި ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ ވެސް ޅައިމަގުން ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާގެ މަންމަ ''ވަން'' އަށް ކިޔައިދިން ގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ބޭރު ޖޯލީގައި ދަރިފުޅު އޮއްވައި ތިން މީހުންގެ ގުރޫޕަކުން ގޮސް ދަރިފުޅު ގަދަކަމުން ރަހީނު ކޮށްގެން ގެންދިޔައެވެ. އަދި އެރޭ ދަރިފުޅު ގެއަށް ދިޔަ އިރު، ހަށިގަނޑުގެ އެކި ތަންތަނުގައި ސިނގިރޭޓު ޖައްސާފައި ހުރިކަމުގެ ނިޝާންތަކާއި ތަޅައި އަނިޔާ ކޮށްފައި ހުރި ނިޝާންތައް ފެންނަން ހުރި ކަމަށް ބުންޏެވެ.

ކުއްޖާގެ މަންމަ އިތުރަށް ބުނީ، ތިން މީހުންވެގެން އޭނާގެ ދަރިފުޅު ރަހީނު ކުރިނަމަވެސް، 10 ވަރަކަށް މީހުންގެ ގުރޫޕަކުން އަނިޔާކުރި ކަމަށް ދަރިފުޅު ބުނާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އަނިޔާ ކުރި މީހުންގެ ވާހަކަ ފުލުހުންނާ ހިއްސާ ކުރާތީ ކަމަށްވެސް ބުންޏެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރުވެސް ވަނީ މިފަދަ ހާދިސާއެއް ޅައިމަގުގައި ހިނގައިގެން އުޅޭކަމަށް ވިދާޅުވެފައެވެ.