ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މީހެއްގެ ފަހަތަށް އެރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އުފެއްދުމުގައި އިސްކޮށް އުޅުއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި 2023ގައި އެހެން ކެނޑިޑޭޓެއްގެ ފަހަތަށް އަރަން ޖެހިއްޖެ ހާލަތެއްގައި ކަންކުރައްވާނީ ކިހިނެތްތޯ ސުވާލު ކުރުމުން އުމަރު ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ދެ ބުރުގައިވެސް އެއްވެސް މީހެއްގެ ފަހަތަށް އެރުމެއް ނެތް ކަމަށެވެ. އަދި ދެވަނަ ބުރަކަށް ނުދެވިއްޖެނަމަ ދެން ދާނީ ގެއަށް ކަމަށް ވިދާޅުވިއެވެ.

"އެއްވެސް މީހެއްގެ ފަހަތަށް އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަރައިގެން މަސައްކަތެއް ދެން ނުކުރާނަން. ބައެއް ބޭފުޅުން ވިދާޅުވޭ ރައީސް ޔާމީނުގެ ފަހަތަށް އަރާށޭ. އަނެއްބައި ބޭފުޅުން ވިދާޅުވޭ މިވެނި މީހެއްގެ ފަހަތަށް އަންނާށޭ. އަޅުގަނޑު ދަންނަވަނީ އެއްވެސް މީހެއްގެ ފަހަތަކަށް ނުދާނަމޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން މިގައުމަށް ގެންނަން ބޭނުންވާ ބަދަލު ގެނެވޭވަރުގެ ލީޑަރެއް ނެތް ކަމަށެވެ. އަދި އޭނާ ގެނެސްދޭން ބޭނުންވާ ބަދަލު ގެނައުމުގެ ވިސްނުން ހުރި ލީޑަރަކުވެސް ނެތް ކަމަށާއި އެހެންކަމުން އެއްވެސް މީހެއްގެ ފަހަތަށް އަރަން ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެހެން ހުރިހާ ބޭފުޅުންނާ އެކުވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.