ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.

ވަޒީފާއިން ވަކިކުރި ކަމަށް ބުނަނީ، ޕީޕީއެމުން ގއ. އާއި ގދ. އަށް ކުރަމުންދާ ދަތުރުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެންބަރުންނާ ބައްދަލުކުރި ކަމަށް ބުނާ ފަރެސްމާތޮޑާ އެއާޕޯޓު ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ފެނަކައިގެ ހަތަރު މުވައްޒަފެކެވެ.

އޭގެ ތެރެއިން މުވައްޒަފަކު "ވަން" އަށް މިއަދު ބުނީ، ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ފަރެސްމާތޮޑާއަށް ދިއުމުން ފެނަކައިގެ ނުވަ މުވައްޒަފަކު އެބޭފުޅުންނާ ބައްދަލުކޮށް، ސަލާމްކުރި ކަމަށެވެ. އޭގެފަހުން އެ އެންމެންވެސް ވަޒީފާއިން އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހަ މުވައްޒަފަކު ފަހުން ވަނީ އަލުން ވަޒީފާއަށް ނެރެފައި. ނަމަވެސް އަޅުގަނޑުމެންނަށް އަދިވެސް ވަކި ގޮތެއް އަންގާފައެއް ނެތް" ވަންއާ ވާހަކަދެއްކި މުވައްޒަފު ބުންޏެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ފެނަކައިން ބުނީ، ވަޒީފާއިން ވަކިކުރި ހަތަރު މީހުންނަކީ އެ ކުންފުނީގެ މަޝްރ/ުއެއްގައި ތިން މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން މަސައްކަތް ކުރަމުންދިޔަ ބައެއް ކަމަށެވެ. އަދި އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެ މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ކުރަން ހަވާލުކުރާ މަސައްކަތަށް ގާބިލު މުވައްޒަފުން ނޫން ކަމަށް ފެންނާތީ ކަމަށް ބުންޏެވެ.

"ސިޔާސީ އެއްވެސް މަގުސަދެއް ހާސިލުކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ،" މައްސަލައިގައި ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.