މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ސައުތުހޭމްޓަން ކައިރިން 1-1 އިން އެއްވަރު ވެފައިވާއިރު، މެޗުގައި ސައުތުހޭމްޓަންގެ ބައެއް ވަރުގަދަ ޓެކުލްތަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްސްޖާ ފާޑު ކިޔައިފިއެވެ.
ޕްރިމިއާ ލީގުގެ މި ސީޒަނަށް ވަނީ އާ ބައެއް ގަވާއިދުތަކަށް ރެފްރީން ހާނުވައިފައެވެ. އެގޮތުން ލީގުގެ މެޗުތަކަކީ ކުޅުން ހުއްޓަން ޖެހޭ ފަދަ ހާލަތްތައް މަދު، ސަޕޯޓަރުން ބަލާހިތްވާ ފަދަ މެޗުތަކަކަށް ހެދުމުގެ ގޮތުން ފައުލްތައް ބެލުމުގައި ރެފްރީން ދޫދޭން ވަނީ އަންގައިފައެވެ. އަދި ރީނދޫ ކާޑު ދައްކަން ޖެހޭ ހާލަތްތައްވެސް މަދުކުރަން މިހާރު ވަނީ ނިންމާފައެވެ.
އެފަދަ ފިޒިކަލް ފުޓުބޯޅައެއްގެ ސަބަބުން ސަޕޯޓަރުން ބޭނުންވާ ގޮތަށް މެޗުތައް ބައްޓަން ވެގެން ދިޔަ ނަމަވެސް ކުޅުންތެރިންނަށް ހިމާޔަތް ނުލިބޭ ކަމަށް ކޯޗުން އަންނަނީ މިހާރު ފާހަގަކުރަމުންނެވެ. އޭގެ ތެރެއިން އެއް ކޯޗަކީ ސޮލްސްޖާއެވެ. އަދި މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވެސް ވަނީ އެ ކުޅުމަށް ފާޑު ކިޔާފައެވެ. ކްލޮޕްވެސް ބުނެފައި ވަނީ ކުޅުންތެރިން ހިމާޔަތް ކުރަން މިހާރަށްވުރެ ބޮޑަށް ޕްރިމިއާ ލީގުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"ސައުތުހެމްޓަންގެ ގޯލަށް ފުރުސަތު ހޯދުމުގައި ފެނާންޑޭޒްއަށް ފައުލް ކުރި. އެކަމަކު އަހަރެން މިބުނަނީ ފެނާންޑޭޒް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރި ވާހަކައެއް ނޫން ގޯލް ހުއްޓުވަން. ފައުލެއް ކަމަށްވިޔަސް ރެފްރީ ކަށިގަނޑު ފުމެންދެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ބޯޅަ ހުއްޓުވަން. އެކަމަކު އެއީ ފައުލެއް،" ރޭގެ މެޗުގައި އެންމެ ބޮޑަށް ޔުނައިޓެޑް ކުޅުންތެރިންނާއި ކޯޗުވެސް ޝަކުވާ ކުރި ހާލަތަށް ބަލައި، ސޮލްސްޖާ ބުނެފައިވެއެވެ.
"އެކްސްޓްރީމް ބާސްކެޓް ބޯޅަ އުސޫލުތަކަށް ބަލަން ތިއްބާ މެޗު ރަގްބީއަށް ބަދަލުވުމަކީވެސް ބޭނުންވާ ގޮތެއް ނޫން. ގަބޫލުކުރަން. ރެފްރީން ދޫކޮށްލައިގެން ތަންކޮޅެއް ފިޒިކަލް ފިރިހެންވަންތަ ފުޓުބޯޅައަކަށް އަހަރެންވެސް ޝައުގުވެރިވޭ. ހާއްސަކޮށް ޓެކުލްތަކާ އެއްޗެހި ފެންނަ ނަމަ، ޕްރިމިއާ ލީގު ޝައުގުވެރިވޭ. އެކަމަކު ސައުތުހޭމްޓަންގެ ބައެއް ޓެކުލްތައް ދިޔައީ އުދުހިގެން ދާނެހެން،" ސޮލްސްޖާ އިތުރަށް ބުނެފައިވެއެވެ.
އާ އުސޫލުތަކަށް މިހާތަނަށް ދެ ކޯޗަކު ފާޑުކިޔާފައިވާއިރު، ޕްރިމިއާ ލީގުން އެކަމަށް އަދި ބަހެއް ބުނެފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު