ހިމާޔަތްކޮށްފައިވާ މާލެ އަތޮޅު ރަސްފަރި ފަރަށް އެރި އާގުބޯޓު ފުންކުރުމަށް ބޭނުންވާ ޓަގު ބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) ނަމަކަށް ކިޔާ މި އާގު ބޯޓު ފަރަށް އަރާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިހާތަނަށް ބެލި ބެލުމުން މި ބޯޓު ފަރަށް އަރާފައިވަނީ ކާށިދޫ ކަނޑުގެ ސަރަހައްދަށް އިންޖީނު ހުއްޓިގެން ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ބޯޓު ފަރަށް އެރިތާ މިއަދަށް ފަސް ދުވަސް ހަމަވެފައިވާއިރު މި ބޯޓުން މިހާތަނަށް އެއްވެސް ވަރަކަށް ތެޔޮ ލީކުވެފައި ނުވާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަދި މި ބޯޓު ފުން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ޕެނަމާގެ 190 މީޓަރުގެ ބޮޑު ކާގޯ ބޯޓު ނިސްބަތްވަނީ ގްރީކް ކުންފުންޏަކަށެވެ. ނަމަވެސް އެ ބޯޓު ފުން ކުރުމުގެ މަސައްކަތަށް މިހާރު އެންޓާކް މޯލްޑިވްސް ނަމަކަށް ކިޔާ ދިވެހި އެޖެންޓަކު ވަނީ ހަމަޖައްސާފަ އެވެ.

އެންޓާކް މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މި ބޯޓު ފުން ކުރުމުގެ މަސައްކަތް ފެށުމުން ބޭނުންވާ އެއް ޓަގު ބޯޓު މިއަދު ހެނދުނު ރާއްޖެ އައިސްފައިވާ ކަމަށާއި އިތުރު ޓަގު ބޯތެއް މާދަމާ ރޭގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ގެނައި ޓަގު ބޯޓަކީ ފަރަށް އަރާފައިވާ އާގުބޯޓު ފުންކުރެވޭ ވަރަށްވުރެ ކުޑަ ބޯޓެއް ކަމަށެވެ. އެހެން ކަމުން ދެވަނަ ޓަގު އައުމުން ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަދި ބޯޓު ފުން ކުރުމގެ މަސައްކަތް ނުފެށޭ. އަޅުގަނޑުމެން ޓަގު ބޯޓެއް ގެނެސްފަ ވާނީ. އެކަމަކު އެ ޓަގަކީ އެއީ ބޯޓު ފުން ކުރެވޭ ވަރަށްވުރެ ކުޑަ ޓަގެއް. އެހެންވެ އިތުރު ޓަގެއް މާދަމާރޭ ރާއްޖެ އަށް އަންނާނެ. މި ދެ ޓަގާއެކު އަޅުގަނޑުމެން ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާނަން. އެކަމަކު އިތުރު ޓަގެއް ގެނައުމަށްވެސް މަޝްވަރާތައް ދަނީ ކުރަމުން." އޭނާ ވިދާޅުވި އެވެ.