ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވާ މީހުން، ހިނެވުމަށްފަހު ވަޅުލަން ފަށައިފިއެވެ.

ކޮވިޑުގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ގައިޑްލައިނެއް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މީގެ ކުރިން އެކުލަވާލާފައިވެއެވެ. އެ ގައިޑްލައިނުގައިވާ ގޮތުން މައްޔިތާ ފެން އަޅައިގެން ހިނެވުމުގެ ބަދަލުގައި ހިނަވަން ޖެހޭނީ ތަޔައްމަމު ކޮށްގެންނެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު މިރޭ "ވަން" އަށް ވިދާޅުވީ، އެ އުސޫލު މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އުސޫލު ބަދަލުކުރި އިރު އެކަމަށް ޖަމާއަތްތެރިން ތަމްރީނު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ، އެ އުސޫލު ބަދަލުކުރަން ނިންމީ، ބައްޔާ ގުޅޭ ގޮތުން ކުރިން ނޭނގޭ ގިނަ މައުލޫމާތުތަކެއް މިހާރު ހޯދި، އެނގިފައިވާތީ އާއި ނިއު ނޯމަލްއަށް ގައުމު ގެންދަން ބޭނުންވާތީ ކަމަށެވެ.

ބަލީގައި މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އުސޫލު މިއަދު ބަދަލު ކުރުމުން ކޮވިޑުގައި މިއަދު ހެނދުނު މަރުވި މީހާ ހިނަވާފައިވަނީ ފެނުންނެވެ. މިއަދު މަރުވެފައި ވަނީ އއ. ހިމަންދޫން ކޮވިޑު ޖެހިގެން އިތުރު ފަރުވާއަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގެނައި އުމުރުން ދުވަސްވީ އަންހެނެކެވެ.