ރާއްޖޭގައި ދޫކުރާ ވެކްސިން ކާޑު ބޭރުގެ ގައުމުތަކުގައި ބޭނުން ނުކުރެވޭނެ ކަން ރަސްމީ އެއް ފަރާތަކުން މިހާތަނަށް ހެލްތު މިނިސްޓްރީ އަށް އަންގާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެއިން ދޫކުރާ ވެކްސިން ކާޑުގައި އެއީ ކޮން ގައުމަކުން ދޫކުރި އެއްޗެއްކަން އެނގެން ނެތުމުން ޔޫއޭއީގެ ސަރުކާރު އޮފީހަކަށް ނުވަދެވުނު ކަމަށްބުނެ މީހަކު ވަނީ ޓުވިޓާގައި އެވާހަކަ ހިއްސާ ކޮށްފަ އެވެ. އަދި އެހެން ބައެެއް މީހުންވެސް ވަނީ އެ މީހުންނަށް ދިމާވި ކަންކަންވެސް ހިއްސާކޮށްފަ އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކުއަލިޓި އެޝުއަރެންސް ތަސްލީމާ އުސްމާން، "ވަން" އަށް މިއަދު ވިދާޅުވީ މިފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ރާއްޖޭގެ ވެކްސިން ކާޑު ބޭރުގެ އެއްވެސް ގައުމަކުން ބަލައިނުގަންނަ ވާހަކަ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެ މިނިސްޓްރީ އަށް އަންގާފައި ނުވާ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން މި ކާޑުގެ ބޭނުމާއި އަދި މިހާރު ތައާރަފު ކޮށްފައިވާ ވެކްސިން ޕާސްޕޯޓުގެ ބޭނުން ހިފާ ކަމަށެވެ. އަދި ދަތުރުކުރާ އެއްވެސް މީހަކަށް ދަތިވެގެން އަދި ދަތިތަކެއް ހުރެގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން ދޫކުރާ ވެކްސިން ކާޑު ބަލައި ނުގަންނަނީ ކޮން ގައުމަކުން ދޫކޮށްފައި އޮންނަ ވެކްސިން ކާޑެއްކަން އެނގެން ނެތުމުން ކަމަށް ބައެއް ގައުމުތަކުން ބުނާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެހެން ނަމަވެސް އެ ކާޑުގައި ވެކްސިން ޖަހާ މީހާގެ ފުރިހަމަ މައުލޫމާތު ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު