ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން އިސްވެ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހަވީރު ފެށުނީ "ތޫމް ރެސްޓޯރަންޓު" ގައެވެ.
އެ ޕެޓިޝަނުގައި ސޮއިކުރި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ އަރިސް ބައެއް މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ސޮއިކުރެއްވިއެވެ.
އެ ޕެޓިޝަނާ ގުޅޭގޮތުން ރައީސް ނަޝީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ވީހާވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދެވެ. އެމަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.
އެކަމާ ގުޅޭގޮތުން ރައީސް ސޯލިހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ރައީސްގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރެއްވުން ނޫން ކަމަށާއި އެމަނިކުފާނުގެ ފޯކަސްއަކީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގިނަ ބަޔަކަށް ފެންނަ ނަމަ، އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު