ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާ ލޮކްޑައުން ކުރަން ނިންމާފައިވާތީ ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވެސް އިތުރަށް ހަރުދަނާ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭ 10:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް މުޅި ލަންކާ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށެވެ. ލަންކާ ލޮކްޑައުން ކުރިޔަސް، ޒަރޫރީ ހުރިހާ ހިދުމަތެއް ދެމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލަންކާ ލޮކްޑައުން ކޮށްފައި މިވަނީ، މިދިޔަ ބުދަ ދުވަހު އެގައުމުން ރެކޯޑު އަދަދަކަށް މީހުން މަރުވެފައި ވަނިކޮށެވެ. އެއީ 187 މީހުންނެވެ. އަދި އެދުވަހު ކޮވިޑު ޖެހިގެން 3،793 މީހުން ރިޕޯޓު ކޮށްފައިވެއެވެ. މިއީ މީގެ މަހެއް ކުރިން ރިޕޯޓްކުރި އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވައި ވިދާޅުވެފައިވަނީ، ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ވެސް ކޮވިޑް ހާލަތު ގޯސްވެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، އޭރު އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފަ އެވެ. އަދި ކޮވިޑް ކޮންޓްރޯލު ކުރުމުގައި ރާއްޖެއަށް ލިބުނު ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އަނެއްކޮޅުން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް ވެރި ރަށް މާލެ އިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުން 50 އިން ދަށުގައި ހުންނަތާ މި ވަނީ މަހަކަށް ވުރުން ގިނަ ދުވަސް ވެފަ އެވެ. އަދި ވޭތުވެދިޔަ 30 ދުވަހު މާލެ ސަރަހައްދުން އެވަރެޖުކޮށް ޕޮޒިޓިވްވާ މީހުންގެ ރޭޓު ހުރީ 30 އިން ދަށުގަ އެވެ.