ޚަބަރު

މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރާ ރަށަކަށް ކަނޑޫދޫ

އަލީ ޔާމިން

މިއަހަރުގެ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ތ. ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑޫދުއަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާއެކުގައި ބޭއްވި ބައްދަލުވުގައެވެ.

އެ ބައްދަލުވުމުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ވަނީ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ކައުންސިލަށް ހުށަހަޅުއްވައިފައެވެ. މިނިސްޓަރުގެ އެ ހުށަހެޅުއްވުމަށް ކަނޑޫދޫ ކައުންސިލުން ވަނީ ފުރިހަމައަށް ތާއީދު ކުރައްވައިފައެވެ.

ކައުންސިލް ބައްދަލުވުމަށްފަހު ކަނޑޫދޫގެ ދަނޑުވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ހުސައިން ރަޝީދު ވަނީ މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކާބޯތަކެތީގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހެވެ.