Close
ޚަބަރު

ކުލި ނުދައްކާތީ ރަސްމާދޫ އަންހެނުންގެ ކޮމިޓީން އެސްޓީއޯ ބޭސްފިހާރަ ބަންދުކޮށްފި

އަލީ އަފާފު ރަމީޒު

އިމާރާތަށް ކުލި ނުދައްކާ ކަމަށް ބުނެ، ރ. ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ނުކުމެ އެރަށު އެސްޓީއޯ ބޭސް ފިހާރަ ބަންދުކޮށްފިއެވެ.

އެ ރަށުގައި ހުންނަ ހަމައެކަނި ބޭސްފިހާރަ ހިންގަނީ އެރަށު ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދީފައިވާ ބިމެއްގައެވެ.

ރަސްމާދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރިވާސާ "ވަން" އަށް މިރޭ ވިދާޅުވީ އެ ބިމުގައި އެސްޓީއޯގެ ބޭސް ފަހާރައެއް ހަދަން އެއްބަސްވުން ހަދާފައި ވަނީ 2015 ވަނަ އަހަރުގައި ކަމަށެވެ. އަދި އެއްބަސްވުން ހެދީ ދެ އަހަރުގެ މުއްދަތަށް ކަމަށާއި އަދި އެ މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެތަން އެމީހުންނަށް ދިނީ ހިލޭ ސާބަހަށް ދެ އަހަރު ދުވަހަށް. އެބޭފުޅުން އެތަން މަރާމާތުކޮށް މުށިޖަހައި ހެދީ. އެކަމަށް ބަލާފައި އެ މުއްދަތު ދިނީ. ނަމަވެސް ދެ އަހަރު ފަހުން އެއްބަސްވުން އާކުރާ ގޮތަށް އިނީ،" ރިވާސާ ވިދާޅުވިއެވެ.

ރިވާސާ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުވެސް އެސްޓީއޯއިން ބޭސް ފިހާރަ ހިންގަމުންދަނީ އެއްވެސް ކުއްޔެއް ނުދީ ކަމަށެވެ. އަދި އެއްބަސްވުން އާކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެސްޓީއޯއިން އެކަމަށް އެއްބާރުލުންދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަލުން އެއްބަސްވުމެއް ހަދައިގެން އެބޭފުޅުންނާ (އެސްޓީއޯ) މުއާމަލާތު ނުކުރެވިގެން އެންމެ ފަހުން އެތަން ބަންދު ކުރަންޖެހުނީ، އަޅުގަނޑުމެން އެބޭފުޅުންނަށް އެތައް ފަހަރަކު ސިޓީ ފޮނުވައިގެންވެސް ޖަވާބެއް ނުދިން. އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދެވި ހަތަރު އަހަރު ދުވަސް ވެއްޖެ،" ރިވާސާ ވިދާޅުވިއެވެ.

ރިވާސާ ވިދާޅުވީ އެ ބޭސްފިހާރަ ބަންދު ކުރި ނަމަވެސް ރައްޔިތުންނަށް ގެއްލުމެއް ނުވާނެ ކަމަށާއި އެ ބޭސްފިހާރާގައި ގިނަ ބޭސް ނުހުންނަ ކަމަށެވެ. އަދި މިހާރުވެސް އެރަށަށް ގިނައިން ބޭސް ގެންނަނީ އެއަތޮޅު އުނގޫފާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިވާސާ ވިދާޅުވީ އެތަނުގެ ކުލީގެ ގޮތުގައި ނަގަން ހުށަހަޅާފައިވަނި 3000 ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަދަދު ބޮޑު ނަމަ 2500 ރުފިޔާއަށް ކުޑަކޮށްދޭން ތައްޔާރަށް ތިބި ކަމަށްވެސް އެސްޓީއޯއަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިވާސާ ވިދާޅުވީ އެ ބިން ކުނި ކަހައި ބަލަހައްޓަނީ އެ ކޮމިޓީން ކަމަށާއި އެތަން ސާފު ކުރާ ފަރާތަށް މަހަކު 2332 ރުފިޔާ ދެމުންދާ ކަމަށެވެ. އެކަމަށްވެސް ހަރަދު ކުރަން ޖެހެނީ އެ ކޮމިޓީއަށް ލިބިފައިވާ ބަޖެޓުން ކަމަށެވެ. އެހެންކަމުން އެތަނުން ކުލި ލިބޭނަމަ ސާފު ކުރާ ފަރާތަށް އެ ފައިސާ ދެވޭނެ ކަމަށާއި އޭރުން ބަޖެޓުން އެހެން ހަރަދުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިވާސާ ވިދާޅުވީ އެތަން ބަންދުކުރި ފަހުންވެސް އެސްޓީއޯއިން އެއްވެސް ވަރަކަށް އެފަރާތްތަކާ މުއާމަލާތް ކޮށްފައިނުވާ ކަމަށެވެ. އަދި އެއްބަސްވުން އެކުލަވައިލެވުމުން ނޫނީ ބޭސް ފިހާރަ އަލުން ހުޅުވަން ފުރުސަތު ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.