ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް އެމަނިކުފާނުގެ ފަރާތުން ބެއްލެވުމަށް އިނގިރޭސިވިލާތުގެ ވަކީލަކު އައްޔަން ކުރައްވައިފިއެވެ.
އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވީ އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލެއް ކަމަށްވާ ކާސްޓީ ބްރިމިލޯއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބައްލަވައި، އެ ތަހުގީގަށް އެހީތެރިވުމަށް ނަޝީދުގެ ފަރާތުން ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް ކާސްޓީ ބްރިމިލޯ އައްޔަންކުރައްވާފައިވާ ކަމަށެވެ.
މަޖިލީހުން ބުނީ ތަހުގީގަށް ހެކި އެއްކުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެހީތެރިވާނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރާ ރާއްޖޭގެ އިދާރާތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް އޭނާގެ އެކްޕަޓީސް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ވަކީލަށް ހަރަދުކުރައްވާނީ އަމިއްލަފުޅަށް ކަމަށާއި މަޖިލީހުން އެކަމަށް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަރުދަނާ ޑިމޮކްރަސީއަކަށް ފުރިހަމަ އަދުލުގެ ނިޒާމެއް ބޭނުންވާ ކަމަށެވެ. ހަމަ އެހެންމެ ކޮންމެ އިންސާނަަކަށް ވެސް ސަލާމަތްތެރިކަމާއި ހައްގުތައް ބޭނުންވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކާސްޓީ ބްރިމިލޯގެ ތަޖުރިބާގެ އަލީގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ރާވައި ފަންޑުކޮށް، އެ އަމަލުތައް ހިންގި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، އަލީ ހައިޝަމެވެ.
އެ ހަތަރު މީހުންގެ އިތުރުން ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.
އެ ހަމަލާއާ ގުޅިގެން ކުރީގެ ޕޮލިސް އިންޓެލް އަހްމަދު ފާތިހު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފާތިހުގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ޕީޖީން ނިންމުމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ދެން އޮތީ ތަހުގީގުގެ ދެވަނަ ބައި ކަމަަށްވާ ހަމަލާގައި ހިމެނޭ ފައިސާގެ ކަންކަމާ ގުޅޭ ތަހުގީގު ކުރުން ކަމަށް އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު