ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެއަތޮޅު ކަޅުފަހަލަފުއްޓާއި ކަނިމީދޫ ވިއްކާލުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ސޯލިހު ގެންދަވަނީ ތ. އަތޮޅުގެ ހަތް ރަށަކަށް ދަތުރުކުރައްވަމުންނެވެ. ރައީސް ތ. އަތޮޅަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާއި ކަނިމީދޫ ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދެ ރަށް ވިއްކާލަން ނިންމާފައިވަނީ އެމަނިކުފާނަށް ފައިދާވާ ގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާއި ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށް ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް،" އަދުރޭ ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ތިމަރަފުށި، ކިނބިދު، ވޭމަންޑޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލުތަކާ ރައީސް ބައްދަލުކުރައްވައި، ރަށްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ގާތުން ބައްލަވައި މައުލޫމާތު ހޯއްދަވާނެ ކަމަށެވެ. އަދި އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިން އަދި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.