މަސްފިނިކޮށް ބޭރުކުރެވޭ ގޮތަށް މިފްކޯއިން ރާއްޖެ ގެނައި އެކުންފުނީގެ ބޯޓުގެ ސަބަބުން، މަސްވެރިންގެ އަތުން މަސް ގަންނަ އަގު މަތިކޮށް މަސްވެރިންނަށް ފައިދާކުރާނެ ގޮތްތަކެއް ވަރަށް އަވަހަށް ހޯއްދަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ތ. އަތޮޅުގެ ހަތް ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުއްޓަށް ރޭ ވަޑައިގެން އެރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންނާއެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ތިމަރަފުށީ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މަސްވެރިންނަށް ހަމައަގު ނުދެވޭކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް މިފްކޯ ތަރައްގީކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ފައްޓަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ އިންވެސްޓްމެންޓް ނިމުމުން މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން މިފްކޯގެ އަމިއްލަ ބޯޓެއްގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރެވެން ފެށުމުން މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.
"މިފްކޯގެ މަސް އަމިއްލަ ބޯޓެއްގައި ފްރީޒްކޮށްގެން ރާއްޖެއިން ބޭރަށް ގެންދެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އިހަށްދުވަހު ބޯޓެއް ގަނެގެން މިގެނައީ. އެހެންކަމުން އޭގެ ސަބަބުން ބޭރަށް ގެންދާ މަހުން ދައްކަންޖެހޭ ފްރައިޓަށް ބަދަލުތަކެއް އަންނާނެ. އެއީ މިފްކޯއަށް ލިބޭ ލުޔެއް އަދި ފަސޭހައަކަށް ވެގެންދާނެ. މި ހުރިހާ ކަމެއްގެ އަގުން ކެނޑިގެންދާ ބައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސްވެރިންނަށް ލިބޭގޮތް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުކުރުމަށް މިފްކޯއިން ވަނީ 2500 ޓަނުގެ މަސް ފިނިކޮށް ރައްކާ ކުރެވޭ ބޯޓެއް ޖުލައި މަހުގެ ތެރޭގައި ރާއްޖެ ގެނެސްފައެވެ. މި ބޯޓު ގަތުމަށް ގާތްގަނޑަކަށް 27.8 މިލިއަން ރުފިޔާ މިފްކޯއިން ހޭދަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު