މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގައި ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ ހުއްދައަށް މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދިއްޖެއެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތައް ހަދަން މިއަދު ފަށާނެ ކަމަށެވެ. އަދި ތާރު އަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާ ކަމަށާއި އުއްމީދަކީ އެ ހުއްދަ ވީހާވެސް އަވަހަކަށް ލިބިގެން ދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަގުތައް ހެދުމުގެ ފުރަތަމަ ސެގްމެންޓްގެ ދަށުން ވައިލެޓްހިނގުން، ވައިލެޓުމަގު، ގުލިސްތާނު ގޯޅި، ހިރުނދުމަގު، ދުނބުރު މަގު، ރޯޝަނީ މަގު، ކުރަނގި ގޯޅި، ސީސަންމަގު، ސަނދުބަރަކަ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި، ފިލިގަސް ގޯޅި ހަދާނެއެވެ.
ކައުންސިލުގެ ޕްލޭންގައި ބުނެފައިވާ ގޮތުގައި ހެންވޭރު ސެގްމެންޓު ފަށާނީ ރޯޝަނީ މަގުންނެވެ. އެ ސެގްމެންޓަށް ޖުމުލަ 36.8 ރުފިޔާ ހަރަދުވާނެ ކަމަށާއި އެއީ ޕްރޮޖެކްޓުގެ ނުވަ ޕަސެންޓު ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން ހެންވޭރުގެ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ ހުއްދަ އަންނަ ހަފުތާގައި ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ހުއްދަ ލިބުމާއެކު ތާރު އަޅައިގެން ހަދާ ބޮޑެތި މަގުތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދާއި ޖަނަވަރީ މަގާއި ޗާންދަނީ މަގާއި ބުރުޒުމަގާއި އަމީނީ މަގާއި ސޯސަން މަގުގެ އިތުރަށް ދެންވެސް މާލޭގައި ހުރި ބޮޑެތި މަގުތަކުގައި ތާރު އެޅުމަކީ އަމާޒެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މާލޭ ސިޓީގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށް 2019 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް އެ މަޝްރޫއު ނުފެށި އެ ކައުންސިލުގެ ދައުރު ވަނީ ނިމިފައެވެ.
މާލެ ސިޓީ ކައުންސިލުގެ މިދައުރުގެ ކައުންސިލަރުން ފާސްކޮށްފައިވާ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި "ހިތް ފަސޭހަ މަގުމަތި" އަމާޒުގެ ދަށުން މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުމަށް ވަނީ ނިންމައިފައެވެ.
މާލޭގައި މިހާރު ތާރު އަޅާފައިވަނީ މާލޭގެ ރިންގް ރޯޑުގެ ގޮތުގައި ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގާއި މާލޭގެ ހުޅަނގު ދެކުނު ކޮޅުން އިއްޒުއްދީން މަގުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު