ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުއްޓަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ ތިމަރަފުށީ ކައުންސިލުގެ އިދާރާގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމާއި ސިއްހީ ހިދުމަތް ހަރުދަނާ ކުރުމާއި ފަތުރުވެރިކަމުގެ މަޝްރޫއުތަކާއި މަގުހެދުމުގެ މަޝްރޫއާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އިތުރުން ރަށުގެ އިގުތިސޯދީ ތަރައްގީއާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ބަނދަރުގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިފައެވެ. ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރައީސް ވަނީ އެބޭފުޅުންގެ ކަންބޮޑުވުން އަޑުއައްސަވައި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ކޮޅުމަޑުލަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާނެއެވެ. ތިމަރަފުށީގެ އިތުރުން ރައީސް ވަޑައިގަންވާނީ ކިނބިދޫ، ވޭމަންޑޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށެވެ.

ރައީސް ތިމަރަފުށީ ކައުންސިލާ ބައްދަލުކުރައްވާފައިވާ އިރު، އެރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް މިރޭ ވަނީ ޖާފަތެއް އަރުވައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާނާއި ރައީސް އޮފީހުގެ ޕޮލިސީ އެޑްވައިޒަރު ޑރ. މުސްތަފާ ލުތުފީއާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި އޭނާގެ އަނބިކަނބަލުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޅުމަޑުލުގެ ހަތް ރަށަކަށް ރައީސް ކުރައްވާ ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި ދަނޑުވެރިން އަދި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ އޮމަދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާނެއެވެ.

މިއަހަރުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އުތުރުގެ ތިން ރަށަކަށްވެސް ވަޑައިގެންފައެވެ.