އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މައްސަލަ ބޮޑުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ އިންސްޕެކްޝަނެއް ފެށުމަށް ނިންމައިފިއެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ވެކްސިން ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށް އެ އެޖެންސީން އިއުލާންކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް އެ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ، އަދި އެ އުސޫލުތައް ގާއިމުކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މާދަމާ އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭ އިން އެ އިންސްޕެކްޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ގުޅިގެންނެވެ. އިންސްޕެކްޝަނާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރުމަށް އެޗްޕީއޭ އިން އެދެއެވެ.
ފަހަކަށް އައިސް ރާއްޖެއަށް އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ރާއްޖެ އަންނަ މައްސަލަތަކާއި ސައްހަ ނޫން ބުކިންތައް ހައްދައިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
ރާއްޖެއަށް އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާތީ އިއްޔެ އެއް ފުލައިޓަކުން ރާއްޖެ އައި 243 ފަތުރުވެރިޔަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. އޭގެ އިތުރުން އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ 27 ފަތުރުވެރިޔަކު މަގުމަތިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު