• ތ. ތިމަރަފުށިން އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ތިމަރަފުއްޓަށް މިރޭ ވަޑައިގެންފިއެވެ.

ތިމަރަފުއްޓަށް ރައީސް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރަށުގެ ބަނދަރު ސަރަހައްދާއި ރަށުތެރޭގައި ގައުމީ ދިދައާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ދިދައިން ވަނީ ޖަރީކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ތިމަރަފުށި، ކިނބިދު، ވޭމަންޑޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓެވެ.

ރައީސް ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުއްޓަށް މިރޭ ވަޑައިގެންފައިވާ އިރު، ތިމަރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މަސްވެރިންނާއި ވިޔަފާރިވެރިންނާ މިރޭ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަން ހަމަޖައްސާފައިވަނީ މިރޭ 8:45 ގައެވެ. މަސްވެރިންނާއި ވިޔަފާރިވެރިންނާ 9:30 ގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސާފައިވާ އިރު، މިރޭ އެންމެ ފަހު ކަމަކަށް އޮތީ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރެއްވުމެވެ. އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރެއްވުން އޮތީ މިރޭ 10:30 ގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މީގެ ކުރިން ވިދާޅުވީ، މި ދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލުތަކާ ރައީސް ބައްދަލުކުރައްވައި، ރަށްތަކުގައި ކުރިއަށްގެންދާ މަޝްރޫއުތައް ގާތުން ބައްލަވައި މައުލޫމާތު ހޯއްދަވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ދީފައިވާ އިރު، ލާމަރުކަޒީ ގާނޫނު ކާމިޔާބުކުރުމަށް އަލަށް އިންތިހާބުވި ކައުންސިލުތަކާއެކު ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާނާއި ރައީސް އޮފީހުގެ ޕޮލިސީ އެޑްވައިޒަރު ޑރ. މުސްތަފާ ލުތުފީއާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި އޭނާގެ އަނބިކަނބަލުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގަންނަވައެވެ.

މިއަހަރުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އުތުރުގެ ތިން ރަށަކަށްވެސް ވަޑައިގެންފައެވެ.