ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

އަބޫދާބީގެ ގްރީން ލިސްޓުން މިއަހަރު ފެބްރުއަރީ މަހު ރާއްޖެ އުނިކުރުމަށް ފަހު އެ ލިސްޓަށް ރާއްޖެ އިތުރު ކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅެވެ. އަނެއްކާވެސް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރުމުން، އަބޫދާބީއަށް މާދަމާގެ މެންދުރު 2:00 ގެ ފަހުން ދަތުރުކުރާ ހުރިހާ ފަރާތްތައް ކަރަންޓީން ވާން ޖެހޭނެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހަށެވެ. އަދި ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭނީ 10 ދުވަހަށެވެ.

ރާއްޖޭގެ އިތުރުން އެ ލިސްޓުން އުނިކޮށްފައިވަނީ އެމެރިކާ، އިޒްރޭލު, އިޓަލީ, އޮސްޓްރިޔާ އަދި އަރްމޭނިޔާއެވެ. އަބޫދާބީގެ ގްރީން ލިސްޓުގައި ހިމެނެނީ 28 ގައުމެކެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ހަންގޭރީ، ޖަރުމަނު، މޮރިޝަސް، މޯލްޓާ، ޗައިނާ، ސިންގަޕޫރު، ސައުދީ އަރަބިއްޔާ އަދި ސީޝެލްސް ހިމެނެއެވެ.

ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން އަބޫދާބީއަށް ދަތުރުކުރާ އިރު، ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެ ގައުމަށް އެތެރެވުމަށްފަހު އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި އެތެރެވާތާ ހަ ދުވަސް ފަހުންވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ. ވެކްސިން ނުޖަހާ މީހުން އެއާޕޯޓުންނާއި އެގައުމަށް އެތެރެވާތާ ހަ ދުވަހާއި 12 ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.