ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ދެމުން އަންނަ ހިދުމަތްތައް ރަނގަޅު ކުރުމަށް މުއައްސަސާތަކުން އެދޭއިރު ގަވާއިދާ ހިލާފަށް ކުނި އުކަމުން އަންނަ ފަރާތްތައް ހުއްޓުވަން ޖެހޭނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކުނި އުކާލުމަށް ނަގަނީ ބޮޑު އަދަދުތަކެއް ނޫން ކަމަށާއި އަދި މިއީ ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ގިނަބަޔަކު މިކަމަށް ދޭ އަހަމިއްޔަތުކަން ކުޑަ ކަމަށާއި މިކަން މިހެން ދިމާވާއިރު މުއައްސަސާތަކުންނާއި ކައުންސިލުތައް ފަދަ ތަންތަނުން ދޭ އަހަންމިއްޔަތު ވެސް ކުޑަ ކަމަށެވެ.
"ހިދުމަތް ދިނުމަށް ކުރާ ހަރަދާ ބަލައި ރައްޔިތުންގެ އަތުން ނަގަނީ ވަރަށް ކުޑަ ކުޑަ އެއްޗެއް. ކައުންސިލުތަކުންނާއި އެހެނިހެން މުއައްސަސާތަކުން އަބަދުވެސް ހިދުމަތް އިމްޕްރޫވް ކުރުމާއި ހިދުމަތަށް ބޭނުންވާ ޑިމާންޑް ވަރަށް ބޮޑު. އެހެން ނަމަވެސް ޕޮލިސީ ލެވެލްގަ އެބޭފުޅުންގެ ފަރާތުން މިކަމަށް ދޭން ޖެހޭ އަހައްމިއްޔަތު ކަމާއި އެއްބާރުލުން މިއޮންނަނީ އެންމެ އެކަށިގެންވާ ގޮތުގަ ނުދެވިފަ." އޭނާ ވިދާޅުވި އެވެ.
އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ކައުންސިލުތަކާއި، ސަރުކާރުގެ އެހެނިހެން މުއަައްސަސާތަކުން އެދޭ ކަމަށާއި ނަމަވެސް އެ މުއައްސަސާތަކުން ލިބެން ޖެހޭ އެއްބާރުލުން ލިބިގެން ނޫނީ އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ ގޮތެއް ނެތް ކަން އާދަމް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރެއާއި ދުވާލު ނުނިދައި ހޭލައި ތިބެގެން ވެމްކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގައި ޖަމިއްޔާ ޖަމާއަތްތަކާއި ރައްޔިތުންނާއި ކައުންސިލުތަކާއި، މީޑިއާ ތަކާއި ސޯޝަލް ސެކްޓާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާއިރު އެ އެއްބާރުލުން ނުދޭ ކަމުގައި ވާނަމަ ހިދުމަތް ދިނުމަށް ގޮންޖެހުންތަކާއި އުދަނގޫތައް ހުންނާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
"މިސާލަކަށް ގާނޫނީ ފްރޭމްވޯކެއް ނެތް ކަމެއްގަ ވެއްޖިއްޔާ ކައުންސިލުން އެއީ މެންޑޭޓުގަ އޮންނަ ކަމެއް ކަމަށް ގަބޫލުކުރެވިގެން އެ ޑިމާންޑުކުރަމުން ދާ ކަމުގައި ވާނަމަ ކުންފުންޏަށް ހުންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ފާހަގަކުރެވެނީ. އެހެންވީމަ އެ ޒިންމާ އަދާކުރުމުގައި މުއައްސަސާތަކުން މިއޮންނަނީ ވަރަށް ބޮޑަށް ފަސްޖެހިފަ. އެކަމަކު ޑިމާންޑުތައް ވަރަށް ބޮޑު. އެހެންވީމަ މި ގެޕް އެބަޖެހޭ ވީހާވެސް ބޮޑަކަށް ކުޑަކުރަން." އޭނާ ވިދާޅުވީ އެވެ.
އާދަމް ވިދާޅުވީ ހިދުމަތް ރަނގަޅު ކުރެވޭނީވެސް މިކަމަށް ދޭން ޖެހޭ އަހަންމިއްޔަތު ވަރަށް ފުރިހަމަޔަށް ދީގެން ކަމަށާއި މިއީ ހަމައެކަނި ވެމްކޯ އަށް އުފުއްލޭނެ ވަރުގެ ބުރައެއް ނޫން ކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް ވީހާވެސް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި ގާތްގަނޑަކަށް 13000 ކޮމާޝަލް ޔުނިޓު ހުންނަ އިރު ވެމްކޯގައި ރެޖިސްޓްރީ ކޮށްފައިވަނީ ގާތްގަނޑަކަށް 1400 އެއްހާ ޔުނިޓު ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް ބާކީ ހުރި ޔުނިޓުތަކުން ގަވާއިދާ ހިލާފަށް އުސޫލުން ބޭރުން ކުރެވޭ ވިޔަފާރީގެ އުސޫލުން، ކުނި އުކަމުންދާ ކަމަށެވެ.
އާދަމް ވިދާޅުވީ އެކުންފުނީގައި ރެޖިސްޓްރީ ކުރުމެއްނެތި ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ކުނި ނައްތައިލުމުގެ މަރުހަލާ ކުރަން ޖެހޭނީ ވެމްކޯއިން ކަމަށާއި އެކަމުގެ ސަބަބުން އެކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ކޮމާޝަލް ސެކްޓާގައި ހިމެނޭ އޮފީސްތަކާއި ފިހާރަ އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވީހާވެސް ބޮޑަކަށް ރެޖިސްޓްރީކޮށްގެން ހިދުމަތް ލިބިގަތުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"ވަރަށް ހިތާމަވެރި ކަންކަން އެބަ ދިމާވޭ. ކުދި ވިޔަފާރިތަކާ ކެފޭ ރެސްޓޯރަންޓްތަކުގައި އުފެދޭ ކުނިތައް ނައްތައިލުމަށް ގަވާއިދާ ހިލާފަށް ވިޔަފާރީގެ އުސޫލުން މިކަން ކުރަމުންދޭ. މިކަންކަމާ ގުޅިގެން ޓްރާންސްޕޯޓަށްވެސް އަދި ކައުންސިލަށް ވެސް އަދި އެހެން މުއައްސަސާއަކަށްވެސް ފިޔަވަޅެއް އެޅޭތަނެއް ނުފެނޭ. މިސާލަކަށް ކުނި އުފުލަން ވެމްކޯއިން އުޅަނދެއް ހާއްސަކޮށްފައިވާއިރު އެ އުޅަނދު ދެ ރެގިއުލޭޝަނަކަށް ފުދޭ. އެއީ ކުނި މެނޭޖު ކުރުމާ ބެހޭ ގަވާއިދާއި މުދާ އުފުއްލުމުގެ ގަވާއިދަށް ފެތޭ. މި ގަވާއިދުގައި އެބަވޭ ކުނި އުފުލުމަށް ހާއްސަ އަސާސީ މިންގަނޑުތަކެއް. އެކަމަކު ރެޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ވިޔަފާރީގެ އުސޫލުން ކުނި އުކާ ފަރާތްތައް މި މިންގަނޑުތަކަށް ފެތޭތޯ އެއްވެސް އޮތޯރިޓީއަކުން ނުބަލާ." އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ މިކަންކަން ހައްލު ނުކޮށް ވެމްކޯގެ ހިދުމަތްތައް ރަނގަޅުކުރުމަށް އެދުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ. ޓްރާންސްޕޯޓުގެ ގަވާއިދުގައި ކުނި އުފުލުމުގެ އުޅަނދުތައް ފެތެން ޖެހޭ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ކުނި އުފުލަމުން ދާނަމަ ޓްރެފިކް ފުލުހުން މެދުވެރިކޮށް ޓްރާންސްޕޯޓަށް އެކަން ހުއްޓުވެން ޖެހޭނެ ކަމަށްވެސް އެނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިގޮތަށް އަމަލު ކުރަމުން ނުދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ކުނި އުފުލުމާ ބެހޭ ގަވާއިދުގައި ކުނި އުފުލާ އުޅަނދުތަކަށް ވަކި ހާއްސަ އަސާސީ މިންގަނޑުތަކެއް ހުރެ އެވެ. އެގޮތުން ކުނި ބަރުކުރަން ވާނީ އެ އުޅަނދުގެ ފޮށިގަނޑުގެ ދެ އަރިމަތީ ފިލަ އާއި ފަހަތު ފިލާ އެކުލެވޭ ގޮތަށް ފޮށިގަނޑެއް ހަދައި، އުފުލާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް ނޭޅޭ ގޮތަށް ރައްކާތެރިކަމާ އެކު އެތެރޭގައި ކުނި ހިފެހެއްޓިފައި ހުންނަ ގޮތަކަށެވެ. އަދި މި މިންގަނޑުތަކަށް ނުފެތޭނަމަ އެއީ މަނާކަމެއްކަމުގައި ގަވާއިދު ބުނެ އެވެ.
އާދަމް ވިދާޅުވީ ގަވާއިދުގައި އެއީ މަނާ ކަމެއް ކަމުގައި ލިޔެވިފައި ވާނަމަ އެކަން ހުއްޓުވަން ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ގަވާއިދުތަކާއި އެއްގޮތަށް އެކަން ތަންފީޒު ވެގެންދާން ޖެހޭނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވެމްކޯއަށް ލިބެންޖެހޭ 34 މިލިއަނަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށާއި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުނީގެ ކަންކަމުގައި ވެމްކޯއަށް ދޭން ޖެހޭ ފައިސާއެއް ނުހުންނާނެ ކަމަށެވެ. ވީހާވެސް އަވަހަކަށް މިފައިސާ ދެއްކުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވި އެވެ. އަދި އެކީ އެއްފަހަރާ ނުދެއްކޭނަމަ އެކަމަށް އެދުމުން މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ވެސް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
ކުނި އުކާލުމަށް ވެމްކޯގައި ރެޖިސްޓްރީކޮށް އެއަށް ބަރާބަރަށް ފައިސާ ދެއްކުމަކީ ބަޔަކު މަޖުބޫރުކޮށްގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ކުނި އުކާލުމަށް މާލޭގައި 16741 ގެ ރެޖިސްޓްރީ ކޮށްފައިވާއިރު، ވިލިމާލޭގެ 866 ގެ، ހުޅުމާލެ 4423، އައްޑޫ ސިޓީގައި 3515ގެ އަދި ފުވައްމުލަކުގައި 1495ގެ ރެޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މީގެ ތެރެއިން ވަރަށް ބަޔަކު އެ ކުންފުންޏަށް ފައިސާ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު