ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިންމައި ހަވާލުކޮށްފައިވާ ކަމަށް ޓާމިނަލް ހަދަން ހަވާލުކުރި ޗައިނީގެ ޗައިނީސް ކޮންޓްރެކްޓާ ބައިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން ބުނުމުން އެކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފިއެވެ.

ބީޔޫސީޖީއާ ހަވާލާދީ ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ, ޒިންހުއާ އިން ބުނި ގޮތުގައި, އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމައި މިހާރު ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރި ކަމަށް ބުނާ ވާހަކައަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އެގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހު, ޓާމިނަލުގެ ލައުންޖުތައް ހިމެނޭ ސަރަހައްދު ނިންމައި އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފު "ވަން" އަށް މިއަދު ވިދާޅުވީ, ބީޔޫސީޖީން ނިންމައި އެމްއޭސީއެލްއާ ހަވާލުކުރި ތަންތަނަކީ ޓާމިނަލުގެ އެކްޒެކެޓިވް ލައުންޖުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކަމަށެވެ. އަދި އެތަންތަން އަވަހަށް ނިންމައި ހަވާލު ކުރީ, އެތަންތަން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކަށް ތަން ނިންމުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ނިންމައި ހަވާލުކުރި ނަމަވެސް, އެތަންތަނުގައި އަދިވެސް ކުރަން ޖެހޭ މަސައްކަތް އެބަހުރި ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާފައިވާ އާ ޓާމިނަލުން އެއްފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އަދި އެ އަދަދު 100 އަށް އިތުރުކުރެވޭނެ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.