ކޮވިޑްގެ ކޭސްތަކެއް ފެނި އިތުރު ހަތަރު ރަށެއް މޮނިޓަރިން އަށް ލައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މޮނިޓަރިން އަށް ލާފައިވަނީ ބ، އޭދަފުށްޓައި، ބ. ކަމަދޫ އާއި، ހދ. މަކުނުދޫގެ އިތުރުން އދ. ހަންޏާމީދޫ ކަމަށެވެ.

މިއާއެކު ރާއްޖޭގެ 13 ރަށެއް މިހާރު ވަނީ މޮނިޓަރިންގަ އެވެ.

އޭދަފުށި މޮނިޓަރިންއަށް ލާފައިވަނީ ފުލޫ ކުލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މީގެ ކުރިންވެސް އޭދަފުށި ދެ މަސްދުވަހަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އަދި ބާކީ ހުރި ރަށްތައްވެސް މޮނިޓަރިން އަށް ލާފައިވަނީ އަލާމާތްތައް ފެނި ފުލޫ ކުލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވް ވެގެން ކަމަށް އެ ރަށްތަކުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑު ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވީނަމަވެސް މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންނަށްވުރެ ގިނަ މިހުން އަތޮޅުތަކުން ޕޮޒިޓިވް ވެ އެވެ.

ރާއްޖެއިން މިހާތަނަށް 218 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.