އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުއްވައިގެން ފާސްކުރުން ޖެހޭނެ އެވެ. ނަމަވެސް އެ މަގާމުގައި މީގެ ކުރިން ހުންނެވި ހުސެއިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވި ފަހުން ފަސް މަސް މި ވަނީ ވެފަ އެވެ.
އޭގެ ފަހުން އެއް ފަހަރު މަޖިލީހަށް ނަންތަކެއް ފޮނުވި ނަމަވެސް ފާސްވާ ވަރަށް ވަނީ ވޯޓު ނުލިބިފަ އެވެ. އަނެއްކާ ވެސް ރައީސް އޮފީހުން އިއުލާނު ކުރެއްވުމަށްފަހު މިއަދު ވަނީ މަޖިލީހަށް ފޮނުއްވެވި ހަތަރު ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
- މަޖިލީހަށް ފޮނުއްވެވި ހަތަރު ފަރާތް:
- އަލްއުސްތާޒް ޝިހާމް މުހައްމަދު ވަހީދު
- އަލްއުސްތާޒް އަހުމަދު އާހިދު ރަޝީދު
- އަޒްލީމާ އަހުމަދު
- މަރިޔަމް އަލީމް
ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އޭރު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.
ނަމަވެސް އެ ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާހެއް ނުވިއެވެ. އެ ތިން ބޭފުޅުންނަކީ ދަފްތަރު ނަންބަރު 5143 ޝިހާމް މުހައްމަދު ވަހީދާއި ހ. ގުރުވަ/ އަހުމަދު އާހިދު ރަޝީދުގެ އިތުރުން ގ. ދާސްތާން/ މަރިޔަމް އަލީމެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒު އައްޔަން ކުރެއްވީ އޮކްޓޯބަރު 31، 2019 ގައެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު