މި އަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަށާފައިވާއިރު، އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެތުމުގެ ފަޅުކަން އިހްސާސް ކުރެވޭ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދީފައިވަނީ މަޖިލީހުގެ ދެވަނަ ދައުރު ނިމި ޗުއްޓީއަށް ދިޔަ ދުވަސްކޮޅުގަ އެވެ. އަދި ބޭސްފަރުވާއަށް ފަހު ތިން ވަނަ ދައުރު ފެށެންވާއިރަށް އެމަނިކުފާނު ރާއްޖެ ވަޑައިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

"އަހަރުގެ އެންމެ ފަހުގެ ދައުރުގެ ޖަލްސާ ފެށިގެން ދާއިރު މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެތްކަން އެ ފަޅުކަން އަޅުގަނޑު ހިތުން އަޅުގަނޑުމެނަށް މިއަދު އެބަ އިހުސާސް ކުރެވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ތިން ބާރުގެ ތެރެއިން އެއްބާރުކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެ ބާރުގެ އެންމެ އިސް ފަރާތަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި އެމަނިކުފާނަކީ ހުރިހާ މަޖިލިސް މެންބަރުންގެ ވަރަށް ގިނަ ކަންން ބެލެހެއްޓުމާ ހަވާލުވެވަޑައިގެން ހުންނެވި ފަރާތެއް ކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

ހައެއް މޭގެ ހަމަލާ ރާވައި ހިންގި ފަރާތްތައް ހިފާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވެނީސް ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެ ސިޓީން ވަރަށް ގިނަ މެސެޖުތައް ލިބިވަޑައިގެންފި ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އެމަނިކުފާނު މިއަދު މިތަނުގައި ނެތް ކަމަށް އެ ވިދާޅުވި ވިދާޅުވުމުގެ މައްޗަށް އަޅުގަނޑުގެ ހިތް ހަލާސް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ދިވެހި ގައުމާއި މަޖިލީހަށް ހިދުމަތް ކުރުމުގެ ފުރުސަތު ނުލިބި ތިން މަސް ވެގެން ހިނގައްޖެ ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެ ސިޓީ އަޑު އިވިވަޑައިގަތުމުން، މި އަހަރުގެ ބާކީ މިއޮތް ބައިގައި ވެސް ރައީސް ނަޝީދަށް ރާއްޖެ ވަޑައިގެން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

އާދަމް ޝަރީފްގެ ވާހަކަތަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު، އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ވަނީ ޝުކުރު އަދާކުރައްވައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ނަޝީދަށް އިންސާފު ހޯއްދަވައިދެއްވުމަށް އާދަމް ޝަރީފް ކުރައްވާ މަސައްކަތް ފާހަގަކުރައްވާފަ އެވެ.