ޒެންބިއާގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު، ހަކައިންޑެ ހިޗިލެމާ ކާމިޔާބުކުރައްވައިފި އެވެ.

ހިޗިލެމާ އިންތިހާބު ކާމިޔާބު ކުރެއްވިކަން އެގައުމުގެ އިލެކްޝަން ކޮމިޝަނުންވަނީ އިއުލާނުކޮށްފައެވެ.

ޒެމްބިއާގައި ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާފައިވަނީ މިހާރުވެސް ރައީސްކަމުގައި ހުންނެވި އެޑްގާ ލުންގޫ އަދި އިދިކޮޅުން ވާދަކުރެއްވި ހަކަންޑޭ ހިޗިލެމާ އެވެ.

156 ދާއިރާގެ ތެރެއިން 155 ދާއިރާއިން ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ވޯޓުލާން ރަޖިސްޓާކުރި 7 މިލިއަން މީހުންގެ ތެރެއިން ރައީސް ލުންގޫއަށް 1،814،201 ވޯޓު ލިބިވަޑައިގެންނެވިއިރު ހިޗިލެމާއަށް ވަނީ 2،810،777 ވޯޓު ލިބިވަޑައިގެންފަ އެވެ. އިންތިހާބުގެ ނަތީޖާތަކަށް ބަލައި ހިޗިލެމާ އިންތިހާބު ކާމިޔާބު ކުރެއްވިކަން އިލެކްޓޯރަލް ކޮމިޝަންގެ ޗެއާމަން ވަނީ އިއުލާނު ކުރައްވާފައެވެ.

ހިޗިލެމާ އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު އޭނާ ވަނީ މީގެ ކުރިން 5 ފަހަރެއްގެ މަތިން ވާދަކުރައްވައި، ތިން ފަހަރެއްގެ މަތިން މިހާރުގެ ރައީސް ލުންގޫ އާ ވެސް ވާދަކުރައްވާފައެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިޗިލެމާ ނާކާމިޔާބު ވެވަޑައިގެންފައިވަނީ ލުންގޫއަށްވުރެ 100،000 ވޯޓު މަދުން ލިބިވަޑައިގެންނެވެ.

ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ޒެމްބިއާގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމާއި ހަމަނުޖެހުންތައް ބޮޑުވެގެން ދިއުމުގެ ސަބަބުން މިދިޔަ ހަ އަހަރު ރައީސްކަމުގައި ހުންނެވި ލުންގޫ އަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެ ފިއްތުންތަކާ ކުރިމަތިވެފައެވެ.

ހިޗިލެމާ އިންތިހާބުގައި ވާދަކުރައްވާފައިވަނީ ޔުނައިޓެޑް ޕާޓީ ފޮ ނޭޝަނަލް ޑިވެލޮޕްމަންޓް ޕާޓީގެ ނަމުގައި ސަރުކާރާ އިދިކޮޅު 10 ޕާޓީއަކާއެކު އިއްތިހާދުވެ ވަޑައިގެންނެވެ.

ހިޗިލެމާ އިންތިހާބު ކާމިޔާބުކުރެއްވިކަން ކަނޑައަޅުއްވާފައި ނުވަނީސް ރައީސް ލުންގޫ ވަނީ ގައުމުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ވިދާޅުވެ މިއީ އިންސާފުވެރި އިންތިހާބެއް ނޫންކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވޯޓުލާ ސަރަހައްދުތަކުގައި ތިބި ސަރުކާރު އޮފިޝަލުންނަށް އިދިކޮޅުން ބިރުދައްކައި ހަމަލާދީ ހަދާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ހިޗިލެމާގެ ޔޫޕީއެންޑީ ޕާޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ގާނޫނުގައި ވާގޮތުން ލުންގޫގައި ބޭއްވުނު އިންތިހާބު ބާތިލު ކުރަން ބޭނުންވާނަމަ ނުވަތަ ގަބޫލު ނުކުރާ ނަމަ، އިންތިހާބުވެ ވަޑައިގެން ފަރާތް އިއުލާނު ކުރާތާ ހަތް ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ވައްދަން ޖެހެއެވެ.

އިންތިހާބު އޮބްސާވް ކުރަން ދިޔަ ބައިނަލް އަގުވާމީ އޮބްޒާވަރުންނާއި ހަވާލާދީ އިންތިހާބުގެ ކަންކަން ގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށް އަމާންކަމާ އެކުގައި ކަމަށާއި ނަމަވެސް ބައެއް ސަރަަހައްދުތަކުގައި ވޯޓުލުން ކުރިއަށް ދިޔަ އިރު ކެމްޕޭނު ކުރިކަމުގެ ޝަކުވާތައް ކޮންމެވެސް ވަރަކަށް އުޅުނު ކަމަށް ވަނީ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

އިންތިހާބުގެ ކުރިން ސަލާމަތީ ބާރުތަކުން ވަނީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކަމަށް ބުނެ އިދިކޮޅު ލީޑަރު ހިޗިލެމާގެ ކެމްޕޭނުތައް ބޭއްވުމަށް ހުރަސް އަޅާފައެވެ.