ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.
މަޖިލިސް އިދާރާއިން ބުނީ މާދަމާ މަޖިލިސްގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައިވާ ކަމަށާއި ޖަލްސާތައް ކުރިއަށް ގެންދާނީ މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ކަމަށެވެ.
މަޖިލީހުގެ ތިންވަނަ ދުއުރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00ގައި ފަށާއިރު، ހަތަރު ކަމެއް އެޖެންޑާކޮށްފައިވެއެވެ.
އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން މާދަމާގެ މަޖިލީހުގެ އެޖެންޑާގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް އިއްވުމާއި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުންވެސް މާދަމާގެ އެޖެންޑާގައި ވަނީ ހިމަނައިފައެވެ.
މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެއެވެ. މެއި ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަލަމާގައި ލިބުނު ޒަހަމުތަކަށް ފަރުވާ ހޯއްދެއްވުމަށް ނަޝީދު އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގައެވެ.
މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސްގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު