އަނިޔާކޮށް މަރާލްއި އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ހުރި ކަންކަން ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.
ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސް ވަޅުލާފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.
ޕޯސްޓު މޯޓަމް ރިޕޯޓާ ގުޅިގެން "ވަން" އިން އެކި ދުވަސްމަތިން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ޕޯސްޓް މޯޓަމް ރިޕޯޓުގެ އެއްވެސް މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށެވެ. ނަމަވެސް ހާމަ ނުކުރަންވީ ސަބަބެއް ވިދާޅެއް ނުވެ އެވެ.
އޮފިސަރު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށާއި މި ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ދުވަހެއްވެސް އަދި ނޭނގޭ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވަނީ ޖަހާފަ އެވެ. އަދި ދެވަނަ ފަހަރަށް ޖެހި 15 ދުވަހުގެ ބަންދުގެ މުއްދަތުވެސް ވަނީ މިހާރު ހަމަވެފަ އެވެ. ނަމަވެސް އިތުރަށް އޭނާގެ ބަންދާމެދު އަމަލު ކުރި ގޮތެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ.
މި ދެމީހުންގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތާއި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު