މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީން ޕްރިމިއާ ލީގުގެ އާ ސީޒަންގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ފަސޭހަ ކަމާއެކު ބަލިކުރި އިރު، އެވަޓަންއާއި ލެސްޓާ ސިޓީން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާ އިރު، މިރޭ ޗެލްސީން ޕެލެސް ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިދިޔަ ސީޒަންގައި ޗެލްސީން ހަތަރުވަނައިގައި ލީގު ނިންމާލި ނަމަވެސް އެޓީމުން ވަނީ ޗެމްޕިއަންސް ލީގު ހޯދުމުގެ އުފާ ހާސިލުކޮށްފައެވެ. ހާއްސަކޮށް ސީޒަންގެ ފަހު ކޮޅުގައި ޓީމުގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ހިސާބުން ޗެލްސީ ފެނުނީ ތަފާތު އޮގަނައިޒް ޓީމެއްގެ ގޮތުގައެވެ.
މިރޭގެ މެޗުގައިވެސް ޗެލްސީން އެ ފޯމު ދެމެހެއްޓިއެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޗެލްސީން ޑޮމިނޭޓްކޮށް، މެޗު ކޮންޓްރޯލު ކުރަމުން ދިޔައިރު، އެޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު ގައެވެ. ޗެލްސީގެ ފުރަތަމަ ގޯލު މާކަސް އެލޯންސޯގެ ހިތްގައިމު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބު ކޮށްދީފައިވާ އިރު، އަރިމަތިން މޭސަން މައުންޓް ނެގި ހުރަސް ޕެލެސް ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ގޯލަށް ވައްދާލައި ކްރިސްޓިއަން ޕުލިސިޗް ޗެލްސީއަށް ނަތީޖާގެ ފަރަގުވެސް ބޮޑުކޮށްދިނެވެ.
ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލު ކުރީ ޗެލްސީންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެޓީމުން މެޗުގައި އިތުރު ގޯލެއްވެސް ޖެހިއެވެ. ޗެލްސީގެ އެކަޑެމީގެ ތެރެއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް ތަައާރަފުވެގެން އައިސް، ލޯން އެއްބަސްވުމެއްގެ ދަށުން ގިނަ ތަޖުރިބާތަކެއް ހޯދުމަށްފަހު މި ސީޒަންގައި ޗެލްސީ ޖާޒީގައި ފެންނަމުންދާ ޑިފެންޑަރު ޓްރެވާ ޗަލޯބާ ޖެހި އެ ގޯލަކީ ވަރަށް ހިތްގައިމު ގޯލެކެވެ.
ލެސްޓާ ސިޓީން މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފެނުނު ހަމައެކަނި ގޯލު ޖަހައިދިނީ ޖޭމީ ވާޑީއެވެ.
ރަފޭލް ބެޓިނޭޒްގެ ކޯޗުކަމުގައި އެވަޓަންއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ފަހަތުން އަރައިި ސައުތުހޭމްޓަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސައުތުހޭމްޓަންގެ އާމްސްޓްރޯން ގޯލެއް ޖަހައި ސައުތުހެމްޓަންއަށް ލީޑު ނަގައިދިން ނަމަވެސް އެވަޓަންއިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. އެވަޓަންގެ ގޯލުތައް ޖަހައިދިނީ ރިޗާލްސަންއާއި ޑޮމިނިކް ކަލްވާޓް ލެވިން އަދި ޑަކޯރޭއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު