ކުދި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ލުއިދީ، މުޖުތަމައަށް ހިދުމަތްކުރާ ގޮތަށް ޖަލުން ދޫކޮށްލެވޭނީ އެ ދެވެނީ އަދަބެއްކަން އިހުސާސްކުރެވޭ ގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިރޭ ކްލަބު ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދައިފައެވެ. އެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާ އެކު ކަރެކްޝަންސްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުދި ކުށްތައް ކޮށްގެން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ޖަލު ނޫން އެހެން އަދަބެއް ދިނުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން ކަރެކްޝަންސް އިން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު، 60 ދުވަހުގެ ތެރޭގައި އެކަންކަން ތަންފީޒުކުރުމަށް އުސޫލެއް އެކުލަވާލަން ޖެހޭނެއެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ވިދާޅުވީ ކަރެކްޝަންސް އިން ބަލަހައްޓަމުން އަންނަ ހަތަރު ޖަލުގައި 1400 އެއްހާ ގައިދީން އެބަތިބި ކަމަށާއި އޭގެ ތެރެއިން 100 އެއްހާ ގައިދީންނަކީ ކުދި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުން ކަމަށެވެ.
"ކުދި ވައްކަމުގެ މައްސަލަތަކުގައި ތިބި މީހުން ވެސް ޖަލުގައި އެބަތިބި. އާއިލީ މައްސަލަތަކުގެ ތެރެއިން ދަރިންނަށް ހަރަދު ދިނުމާއި، އެހެނިހެން އެފަދަ ކުދި މައްސަލަތައް ޖިނާއަތުގެ ކުށަކަށް ބަދަލުވެގެންދިޔައީމާ ޖަލަށް އެބަ ގެނޭ. ރާބުއިމުގެ އަދަބެއްގެ ގޮތުގައި މިހާރު މި އޮންނަނީ ޖަލަށް ލުން. މިކަހަލަ މައްސަލަތަކުގައި ވަރަށް ކުރު މުއްދަތަށް، 12 ދުވަހަށް، 27 ދުވަހަށް ޖަލަށް ލާން ހުކުމް ކުރޭ،" އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ކުދި ކުށްތައް ކުރާ މީހުންނަށް މުޖުތަމައަށް ހިދުމަތްކުރާ ގޮތަށް ލުއިދިނުމަށް ހަމަޖެހިފައިވަނީ އެމީހަކަށް އެދެވެނީ އަދަބެއްކަން އެމީހަކަށް އިހުސާސްކުރެވޭ ގޮތަށް ކަމަށާއި އެގޮތުން އަދަބު ތަންފީޒުކުރުމަށް މުޖުތަމައަށް މަސައްކަތްކުރުމަށް ކަނޑައަޅާ ވަކި ވަގުތަކަށް އެ ކުރާ މަސައްކަތަކަށް އުޖޫރައެއް ނުލިބޭނެ ކަމަށެވެ. އަދި ޖަލުތަކުގައި ކުދި ކުށްތަކުގައި ތިބޭ މީހުން ބައެއް ފަހަރު ބޮޑެތި ކުށްވެރިންނަށް ވެގެންދާކަން ފާހަގަކުރެވޭ ކަމަށާއި އެ އުސޫލު ތަންފީޒުކުރެވުމުން އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިމާންޑް ޖަލެއް ނެތީމަ، ޖަލު ދެ ވިންގަކަށް މި އޮންނަނީ. އެހެންވުމުން ހުކުމްތަކުގައި ތިބޭ މީހުން އެއް ވިންގަކަށް މިދަނީ. ކުދި ކުށްތަކުގައި ތިބޭ މީހުން ވެސް ތިބެން މި ޖެހެނީ ބޮޑެތި ކުށްތައް ކޮށްގެން ޖަލުގައި ތިބޭ ގައިދީންނާއެކު. އެގޮތަށް ބައްދަލުވެ، ކުދި ކުށްތަކުގައި ތިބޭ މީހުން ބޮޑެތި ކުށްވެރިންނަށް ވެގެންދާކަން ފާހަގަކުރެވޭ. އޭގެ އިތުރުން ޖަލުގައި އެބަ ތިބޭ ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތް ނުނިމޭތީ ތިބޭ މީހުން ވެސް،" އޭނާ ވިދާޅުވިއެވެ.
އަހުމަދު އިތުރަށް ވިދާޅުވީ ޖަލުން ދޫކޮށްލައި މުޖުތަމައަށް ހިދުމަތްކުރަން ދޫކޮށްލާފައި ތިބޭ އިރު، އެމީހުން އުޅޭ ގޮތް ގާތުން ބަލަމުންދާނެ ކަމަށާއި އެމީހުން ދޫކޮށްލާނީ މުޖުތަމައުގައި އެމީހުން ބަދުނާމު ނުވާ ގޮތަށް އެކަންކަން ކަށަވަރުކުރާ ގޮތަށް ކަމަށެވެ.
ސުޕްރީމް ކޯޓުގައިވާ އުސޫލާ އެއްގޮތަށް ކުދި ކުށްތަކުގައި ތިބޭ މީހުން ޖަލުން ދޫކޮށްލައި، އެމީހުން މުޖުތަމައަށް ހިދުމަތްކުރަން ނުވަތަ ގޭބަންދަށް ދޫކޮށްލާނެއެވެ. މުޖުތަމައަށް ހިދުމަތްކުރުމަށް ދޫކޮށްލާ މީހާ އެކަންކަން ނުކުރާ ނަމަ، ގޭބަންދަށް ބަދަލުކުރެވެން އޮވެއެވެ. އަދި ގޭބަންދުގެ އަދަބު ތަންފީޒުނުކުރާ ނަމަ، އަދަބުތައް ތަންފީޒުނުކުރާ މުއްދަތާއި ހުކުމުގައި ބާކީ އޮންނަ މުއްދަތަށް އަނބުރާ ޖަލަށް ގެންދެވޭ ގޮތަށް އޮވެއެވެ.
މުޖުތަމައަށް ހިދުމަތްކުރަން ދޫކޮށްލާ އިރު، އެމީހަކު ކުރާނެ މަސައްކަތެއް ކަނޑައަޅަނީ ކަރެކްޝަންސް އިންނެވެ. އަދި އަދަބު އެއް ހަމަކުރުމުގެ ގޮތުން އެމީހަކު މަސައްކަތްކުރަން ޖެހޭ ވަގުތު ކަނޑައަޅަނީ އެމީހެއްގެ ހުކުމުގެ މުއްދަތަށް ބަލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު