ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަދާ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިންމައި އެތަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާ ކަމަށް އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރި ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ބުނެފިއެވެ.
ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ، ޒިންހުއާ އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ބީޔޫސީޖީން އެއްކޮށް ނިންމާލާފައިވާ ކަމަށާއި އެތަން މިހާރު އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު "ވަން" އަށް ވިދާޅުވީ ބީޔޫސީޖީން ސީޕްލޭން ޓާމިނަލް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެކަން މިހާރު އެ ކުންފުނިން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށްވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާ އާ ޓާމިނަލުން އެއް ފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އަދި އެ އަދަދު 100 އަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.
އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕަށެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު ހުންނަ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީން ކުރީ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އާ ކާގޯޓާމިނަލް ހަދަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ 12،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. އަދި ކާގޯ ޓާމިނަލް ކައިރީ ހަދާ ބަނދަރު ސަރަހައްދަކީ 15،000 އަކަ މީޓަރުގެ ސަރަހައްދެއް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު