ސްކޫލްގެ ޓީޗަރުންނާއި ގުޅޭ ގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކަކަށް ހައްލެއް ނުލިބުމުން ދަރިވަރުން ސްކޫލަށް ނުފޮނުވައި ތިބި ހިރިމަރަދޫއަށް ބެލެނިވެރިން ބޭނުންވާ ފަދަ ދިވެހި ޕްރިންސިޕަލެއް އާދިއްތަ ދުވަހު ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ދިރާސީ އާ އަހަރު ފެށުނު ނަމަވެސް ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިން ވަނީ ކުދިން ސްކޫލަށް ނުފޮނުވަން ނިންމައި އިހުތިޖާޖެއް ކޮށްފަ އެވެ. އެއާ އެކު އެ ރަށަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކާއި އެ މިނިސްޓްރީގެ ޓީމެއް އެ ދުވަހު ދިޔަ ނަމަވެސް ކަންބޮޑުވުންތަކަށް އަމަލީ ގޮތުން ހައްލެއް ނުލިބެނީސް ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ދެންނެވި އެވެ.
މައިގަނޑު ޝަކުވާއަކަށް ވެފައި އޮތީ، ދަރިވަރުންގެ ނަތީޖާ ގޯސްވާ ސަބަބުތައް އިސްލާހު ކުރުމެވެ. އޭގެ ތެރޭގައި ސްކޫލްގައި ތިބި ބިދޭސީ ޓީޗަރުންނާއި ބިދޭސީ ޕްރިންސިޕަލްގެ ބަދަލުގައި ދިވެހި ޓީޗަރެއް އައްޔަނު ކުރުން ވެސް ހިމެނެވެ.
ހިރިމަރަދޫ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ރަށަށް ދިވެހި ޕްރިންސިޕަލެއް ފޮނުވަން ނިންމާފައިވާ ކަން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެއީ އަތޮޅު ތައުލީމީ މަރުކަޒެއްގެ ޕްރިންސިޕަލެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދިވެހި އެ ޕްރިންސިޕަލަށް އާދިއްތަ ދުވަހު ހިރިމަރަދޫއަށް ދެވޭނެ،" އޮފިޝަލު ވިދާޅުވި އެވެ.
އެ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިންނާ މިއަދު ހިއްސާކޮށްފައިވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވި އެވެ. އަދި ވަރަށް ގިނަ ވާހަކަތައް މިއަދު ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށާއި އެދެވޭ އިސްލާހީ ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"މިއަދުގެ ބައްދަލުވުން ބެލެނިވެރިން ނިންމާލާފައިވަނީ އާދިއްތަ ދުވަހު ދަރިވަރުން ސްކޫލަށް ފޮނުވުމަށް އެއްބަސްވުމަށް ފަހު،" އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިޔަކު ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު