އައިލެންޑް އޭވިއޭޝަނާ އެކު ޖޭވީއެއް ހަދަން މަޝްވަރާކުރަނީ މެދުއިރުމަތީގެ ކުންފުނިތަކާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އައިލޭންޑް އޭވިއޭޝަނަކީ ކުރިންވެސް ގެއްލުމުގައި ހިންގަމުންދިޔަ ކުންފުންޏެއް ކަމަށާއި އޭގެ އިތުރަށް ކޮވިޑާ ގުޅިގެން އިތުރަށް މާލީ ދަތިތައް އެކުންފުންޏަށް ކުރިމަތިވެގެން ދިޔަ ކަމަށެވެ.

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް ފްލައިޓުތަކުން ފައިދާ ލިބޭނެ ގޮތްތަކެއް ހޯދުމަށް ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރަށް އިންވެސްޓް ކުރެވިދާނެ ގޮތްތައް ހޯދައި އެމަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އައިލެންޑް އޭވިއޭޝަންގެ ޖޮއިންޓްވެންޗާ ހެދުމަށް މިޑްލް އީސްޓުގެ ފަރާތްތަކާއެކުގައި އެބަ މަސައްކަތް ކުރެވޭ. ދެ ކުންފުންޏަކާ އެކުގައި މަސައްކަތް އެބަ ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނާ އެކު ޖޮއިން ވެންޗާއެއް ހަދަން މަޝްވަރާ ކުރަނީ މެދުއިރުމަތީގެ ކުންފުނިތަކާއެކުގައި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.

ރައީސް ވިދާޅުވީ ގައުމީ އެއާލައިނެއް އޮތުން ރާއްޖެއަށް ވަރަށް މުހިންމު ކަމަށާއި ހާއްސަކޮށް އެތެރޭގެ އުދުހުންތަކަށް މުހިންމު ކަމަށެވެ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭނެ ވަރަށް ފައިދާތައް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.