ކޯލިޝަން ވެރިކަމަކީ ރައްޔިތުންގެ ނިންމުން ކަމަށާއި އެއީ އެމަނިކުފާނުގެ މައްޗަށް ނުފޫޒު އޮތުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، އެމަނިކުފާނަކީ މިހާރު އަދާލަތު ޕާޓީގެ މެންބަރެއް ނޫން ކަމެއް ޔަގީން ނުވާ ކަމަށާއި އެމަނިކުފާނަށް އެ ޕާޓީގެ ނުފޫޒު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވުމުންނެވެ.

ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އުފެދުނު ކޮންމެ ވެރިކަމެއް އުފެދިގެން އައީ އެންމެ ޕާޓީއަކަށް ނިސްބަތްވެގެންނެއް ނޫން ކަމަށާއި ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަމެއް ނުދޭ ކަމަށެވެ.

"2008 ގައި ވެސް، 2013 ގައި ވެސް، 2018 ގައި ވެސް ރައްޔިތުން ވެރިކަން ދިނީ ގިނަ ޕާޓީތަކެއް އެކުލެވޭ ޖަމާއަތަކަށް. މިއަދުވެސް މިއޮތީ އެހެން. އެހެންވީމާ އަޅުގަނޑު ވެރިކަން ކުރަމުން ގެންދަން ޖެހޭނީ މި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މަޝްވަރާއާ އެކީގައި. އަޅުގަނޑުގެ މައްޗަށް އެއީ ހިންގާ ނުފޫޒެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްވަރާކުރަން ޖެހޭ ކަންތައްތަކުގައި އަދާލަތާ ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްއާ އެކީގައި ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށާއި އެމްޑީޕީއާ އެކީވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެހެންވީމާ އެއީ އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިއަށްއޮތް ތަނުގައި ވެސް މަސައްކަތްކުރަމުން ގެންދާނީ އަޅުގަނޑަށް ވެރިކަމަށް އާދެވިފައި މިހުރި ގޮތް، ރައްޔިތުންނަށް އަޅުގަނޑަށް މި ދިން ފުރުސަތު، އެ ދިން ގޮތް ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރެގެން، މި ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާއެކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ފެށުނީއްސުރެ ވެސް އެމްޑީޕީގެ މެންބަރެއް ކަމަށާއި ދެމިހުންނާނީ ވެސް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.