ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފަރުވާ ނިމިވަޑައިގެން އަވަހަށް ރާއްޖެ ވަޑައިގަތުމަކީ ވަރަށް އެދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު މިހާތަނަށް ވަރަށް ރަނގަޅަށް ކޮށްފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އޭގެ ފަހަތުގައި ތިބި ބަޔަކު ނުވަތަ ހަރަދުކުރި ބަޔަކު ހޯދުމުގެ މަސައްކަތް ކަމަށާއި އެކަމުގެ އަޕްޑޭޓެއް މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައީސް ނަޝީދު ފަރުވާ ނިންމަވައި، ވީހާވެސް އަވަހަކަށް ރާއްޖެ ވަޑައިގަތުމެވެ. އަދި ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތަށް އަނެއްކާވެސް ނުކުތުމަކީ އެމަނިކުފާނު އެންމެ އެދޭ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވޭ ވީހާވެސް އަވަހަކަށް ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ، މިނިވަންކަމާއެކީގައި ހަމަޖެހިގެން ރާއްޖޭގައިި އުޅެވޭތަން ފެނުން. އެއީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަކީ ވަރަށްވެސް ނުރައްކާތެރިކޮށް ދީފައިވާ ހަމަލާއެއް ކަމަށާއި އެމަނިކުފާނަށް ކުރިއަށްވުރެ ބޮޑަށް ރައްކާތެރިކަން ދޭން ޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރާއި އެމްއެންޑީއެފުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ނަޝީދު އަނބުރާ ވަޑައިގަތުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެކަމަކަށް އަޅުގަނޑު ހުރަހެއް ނާޅާނަން. އަޅުގަނޑު ބޭނުން ވަނީ އެމަނިކުފާނު ވަޑައިގެން ވީހާވެސް އަވަހަކަށް ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވުން. ސަރުކާރާއި އެމްއެންޑީއެފުން ވެދެވެން އޮތް ހުރިހާ ކަމެއް، ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ސެކިއުރިޓީ ދިނުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަމާއި ބޭނުންވާ އާލާތްތައް ހޯދައި އެސްއޯޕީތައް ވަރުގަދަކޮށް، އެކަންކަން ވީހާވެސް ރަނގަޅަށް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދާ ހަވާލާދެއްވައި ނޫސްތަކުން ބުނެފައި ވަނީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ، އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާގޮތް ސަރުކާރުން އެންގުމުން ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައި ގަތުމަކީ ރުހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނި ވިދާޅުވެފައެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.