ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޔާސީ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާ އެމަނިކުފާނާ ބައެއް ފަހަރު ހިޔާލުތަފާތުވުންތަކެއް އުފެދޭ ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރުވެސް، އެމަނިކުފާނުގެ ބައެއް ނިންމުންތަކާ ހިޔާލުތަފާތުވުން ތަކެއް އުފެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާ އަޅުގަނޑާ ބައެއް ފަހަރު ހިޔާލުތަފާތުވޭ. އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރުވެސް އެމަނިކުފާނު ނިންމަވާ ބައެއް ނިންމެވުންތަށް އަޅުގަނޑަށް ކަމު ނުގޮސް، އަޅުގަނޑު ހުންނާނެ އަޅުގަނޑަށް ފެންނަ ގޮތް ހާމަ ކޮށްފަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަޝީދު ވެރިކަމުގައި ހުންނެވިއިރު، ކަންކަން ނިންމާފައިވަނީ ވަރަށް ބޮޑަށް ވިސްނަވާފައި، ވަށައިގެން ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވިސްނުމާ އިދިކޮޅަށް ބައެއް ފަހަރު ރައީސް ނަޝީދު ކަންކަން ނިންމަވާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ވެރިކަމުގައި އެމަނިކުފާނު ހުންނެވިއިރުގައި އޭރު އަމަލު ކުރައްވާނީ ވަރަށް ބޮޑަށް ވިސްނަވާފަ. ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބައްލަވާފަ. ބައެއް ފަހަރު އަޅުގަނޑުގެ ވިސްނުމާ އިދިކޮޅަށް އަޅުގަނޑު ހުށަހަޅާ ހިޔާލުތަކާ އިދިކޮޅަށް ކަންތައްތައް ނިންމަވާ. އެއީ މައްސަލައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު އެކަންކަމުގައި ދެކޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ނަޝީދާ މިހާރުވެސް ބައެއް ކަންކަމުގައި ހިޔާލުތަފާތުވުން އުފެދޭ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކަންތައްތައް ނިންމަން ޖެހެނީ ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބަލައި، ލިބިފައި ހުންނަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"ހަމައެގޮތަށް މިވަގުތުވެސް މިހާރުވެސް އަޅުގަނޑު ނިންމާ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާ ހިޔާލު ތަފާތުވޭ. އެހެން ނަމަވެސް ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަން ޖެހޭނީ ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބަލައި އަޅުގަނޑަށް ލިބިފައި ހުންނަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް. އެހެންކަމުން ބައެއް ފަހަރަށް ހިޔާލުތަފާތުވުންތައް އާދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، ނަޝީދު ވަނީ ރައީސާއެކު ދެން މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމާ އެކު ކޯލިޝަން ހެދުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.