ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އެބައޮތް ކަމަށާއި އެކަމަކު މިވަގުތު އިސްކަން ދެނީ ވައުދުތައް ފުއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަ ގޮތުން ކޮންމެ މީހަކަށްވެސް ފަސް އަހަރުގެ ދެ ދައުރަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން 2023 ގައި ކުރިމަތިލުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން ކުރިއަށްއޮތް 2023 ގައި ކުރިމަތިލުމުގެ ފުރުސަތު އަޅުގަނޑަށް އެބައޮތް. އެ ފުރުސަތު ބަންދެއް ނުވޭ،" ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ އަމާޒަކީ ވެފައިވާ ވައުދުތައް ފުއްދުމަށް ދެމި ހުރުން ކަމަށެވެ. ބައިވަރު މަސައްކަތް ކުރަން އެބަހުރި ކަމަށާއި ކޮވިޑާ ގުޅިގެން ދޮޅު އަހަރު ގެއްލިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާ މާލޭގެ ކަނެކްޓިވިޓީގެ މައްސަލައާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެހެން ނަމަވެސް ދެ ވަނަ ދައުރަކަށް އެމަނިކުފާނަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ވިދާޅެއް ނުވެއެވެ.