މެއި ހައެއްގައި އައިއީޑީއެއް ގޮއްވާލައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަންޑުކުރި މީހުން ތިބޭނެކަން ޔަގީން ކަމަށާއި އެކަން ކުރީ ހަރުކަށި ފިކުރުގެ ބައެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިގޮތަށް ވިދާޅުވީ އެ ޓެރަރިސްޓް ހަމަލާއަށް ބަޔަކު ފައިސާ ހަރަދު ކުރިކަން ތަހުގީގަށް ފެންނަން ނެތް ކަމަށް، އެ ހަމަލާއާ ބެހޭ ތަފުސީލީ މައުލޫމާތު ހާމަކުރުމަށް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ އަފީފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިނީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅުން ނެތް ކަމަށް ބުނެ، މައްސަލަ އިތުރަށް ނުބަލާނަމަ، ފަންޑު ކުރި ބަޔަކާ ހަމައަށް ވާސިލު ނުވާނެ ކަމަށެވެ.

އަފީފް ވިދާޅުވީ ތިން މިލިއަން ޑޮލަރު ހުށަހެޅޭ ވަރުގެ ބަޔަކު ހަރުކަށި ފިކުރުގެ ތެރޭގައި އުޅޭނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެފަދަ މުއްސަނދި ބަޔަކު އުޅޭކަމެއް އޭނާއަށް އެނގިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ތިން މިލިއަން ޑޮލަރު ހުށައެއް ނޭޅޭނެ ދެއްތޯ ހަރުކަށި ފިކުރުގެ މީހުންނަކަށް. އަޅުގަނޑަކަށް އަދި ފާހަގަ ކުރެވިފައެއް ނެތް އެހާ މުއްސަނދި މީހުން ހަރުކަށި ފިކުރުގެ ތެރޭގައި އުޅޭ ކަމެއް. ތިން މިލިއަން ޑޮލަރު ދެވޭ ވަރުގެ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށް ފަނޑުކުރި މީހުން ތިބޭނެކަން އޭނާއަށް ޔަގީން ކަމަށެވެ. އެގޮތުން އެމީހުން އެޕާޓްމެންޓް ހިފައި، ސައިކަލު ގަނެފައިވަނީ ކޮންމެވެސް ބަޔަކު ފައިސާދީގެން ކަމަށް ވިދާޅުވިއެވެ.

"ފަންޑު ކުރި މީހުން ތިބި ކަމަށް އަޅުގަނޑަށް ހަމަ ޔަގީން. އެހެން ނޫންނަމަ މިކަމެއް ނުވާނެ. އެމީހުން އެޕާޓްމެންޓް ހިފާފަ އެބަހުރި. ސައިކަލެއް ގަނެފަ އެބަހުރި. ކާކުތޯ އެފައިސާ ދިނީ. ފައިސާ ހަރަދު ކުރި މީހުންނާއި މިކަން ރޭވި މީހުން ހޯދަންޖެހޭ. މިކަން ރާވާފައި މިއޮތީ މި (ހަރުކަށި ފިކުރުގެ) މީހުންނެއް ނޫން. އެ ބަޔަކު ހޯދަން ޖެހޭނެ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަރުކަށި ފިކުރުގެ ބަޔަކު އުޅޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެގޮތަށް އެކަން ދައްކަނީ ހަގީގަތް ފޮރުވަން ކަމަށާއި އެ ހަމަލާގެ ފަހަތުގައި އެހެން ބަޔަކު އެބަތިބި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދު އަވަހާރަކޮށްލަން ތިބުނާ ވަރުގެ ހަރުކަށި ފިކުރުގެ ބައެއް އުޅޭނެ ކަމަކަށް. ރައީސް ނަޝީދު އެކަނިތޯ އެކަހަލަ ވާހަކަ ދައްކަވަނީ. ހަރުކަށި ފިކުރުގެ މީހުންނޭ ކިޔައިގެން އެވާހަކަ ދައްކަވަނީ ކެމަފްލާޖް ކުރަންވެގެން. މީގެ ފަހަތުގައި އެބަތިބި އެހެން ބަޔަކު،" އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ އެމީހުންނަށް ކޮވިޑް ރިލީފް ފަންޑުން ބޮޑު އަދަދެއްގެ ފައިސާ ދިނުމުން ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވީ ފޭކް ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވަނީ ސަރުކާރުގެ ސަބަބުން ކަމަށެވެ. އެކަމުގެ ސަބަބުން އެ ފައިސާއިން ހަމަލާއަށް ފަންޑު ކުރަން ފުރުސަތު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަފީފް މިގޮތަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ދެން އޮތީ ތަހުގީގުގެ ދެވަނަ ބައި ކަމަަށްވާ ހަމަލާގައި ހިމެނޭ ފައިސާގެ ކަންކަމާ ގުޅޭ ތަހުގީގު ކުރުން ކަމަށް އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް މިރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަކީ އެއްގޮތަކަށް ވެސް އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރާ މީހުން ދައްކާ ވާހަކަތަކަކީ ވެސް ދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އެއްވެސް ގޮތަކަށް ހަރުކަށި ދީނެއް ނޫން ކަމަށާއި ޓެރަރިޒަމްގެ އަމަލުތައް އިސްލާމްދީނާ ނުގުޅުވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކަށް ފަންޑުކުރަނީ މައިގަނޑު ދެގޮތަކަށެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. އަނެއް ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 317 އަށްވުރެ ގިނަ ބޭންކް ސްޓޭޓްމަންޓް އެނަލައިޒްކޮށްފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. މިއީ އެމީހުންގެ އަމިއްލަ މަގުސަދެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ފުލުހުން ބުނީ، އެކި އުކުޅުތައް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން މިއަހަރުގެ މިހާތަނަށް 3.9 މިލިޔަން ރުފިޔާ އެކަން ކުރާ ފަރާތްތަކުން އަތުލާފައިވާ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެގޮތަށް އެކި މީހުންގެ އަތުން އަތުލާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އެގޮތަށް ފައިސާ ފޭރުމުގެ 259 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.