ތ. އެލާގެ ބަދަލުގައި ރިސޯޓެއް ތަރައްގީކުރަން އދ. ފެންފުށީގެ ފަޅުން ބައެއް ދިނުމަށް ވިލާ ގުރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީީގެ ރައީސް ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

އދ. ފެންފުށީ ފަޅުން ބައެއް ދިނުމަށް ގާސިމް އެދިވަޑައިގެންފައި މިވަނީ މިމަހުގެ ހަތްވަނަ ދުވަހު އެމަނިކުފާނު ސޮއިކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ.

ވިލާއަށް ދޫކޮށްފައިވާ ތ. އެލާ ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން ގާސިމް ފުރަތަމަ އެދިވަޑައިގެންނެވީ ތ. ކަނިމީދު ނުވަތަ ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެރަށްވެސް ދޫކުރެވެން ނެތް ކަމަށް ސަރުކާރުން ވަނީ އަންގާފައެވެ.

"މި ސިޓީ އާއެކު މި ހުށަހަޅާ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އދ. ފެންފުށީގެ ހުޅަނގު އުތުރު ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެ ފަޅު ހަމަޖައްސަވައި ދެއްވުން އެދެމެވެ..،" ގާސިމް ސޮއި ކުރައްވައި ޓޫރިޒަމް މިނިސްޓަރަށް ފޮނުއްވި ސިޓީގައިވެއެވެ.

ފެންފުށި ފަޅުން ބައެއް ހަމަަޖައްސައިދޭނަމަ ރިސޯޓު ހެދުމަށް އަށް އަހަރުގެ މުއްދަތެއް ދިނުމަށާއި އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް ހަމަޖައްސަވައި ދެއްވުމަަށްވެސް ގާސިމް އެދިވަޑައިގެންނެވިއެވެ. އެއީ، ފަޅުރަށެއް ކަމުގައިވާ އެލާގައި ރިސޯޓެއް ހެދުމަށް ވުރެ ފަޅު ހިއްކައިގެން ރިޒޯޓެއް ހެދުމަށް ބޮޑެތި ހަރަދުތަކަކާއި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ވިލާ އަށް ދީފައިވާ ރ. މާނެންފުށި، ކ. ބޮލިދުއްޕަރު، ވ. ވާވެއްދިފަޅު، ތ. އެލާ އަދި ގދ. ގަޒީރާގެ އެއްބަސްވުންތައް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ބާތިލުކޮށް އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ދެއްްކުމަށް 2017 ވަނަ އަހަރު ވިލާއަށް އެންގިއެވެ. ނަމަވެސް އެ މައްސަލަ ވިލާއިން ސްޕްރީމް ކޯޓަށް ހުށަހެޅުމުން އޭޕްރީލް 2018 ގައި އެ ކޯޓުން ނިންމީ، އެރަށްތައް ސަރުކާރުން އަތުލީ ގާނޫނީ ހިލާފަށް ކަމުގައެވެ.