ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް އަބްދުއްސައްތާރު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އަނަސް އަބްދުއްސައްތާރު އެ މަގާމަށް މިއަދު އައްޔަނުކޮށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ލިޔުން ހަވާލު ކުރައްވާފައިވާ ކަމަށެވެ.

ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް އަނަސް އަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން ބެޗްލަ އޮފް ލޯސް އެލް.އެލް.ބީ (ހޮނާސް) ޝަރީއަރ އެންޑް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަނު ކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާޓްނަރުގެ ގޮތުގަ އެވެ. އަދި 2015 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އަނަސް އަކީ ސަރުކާރުގެ ގިނަ ކުންޕުނިތަކެއްގެ ފަރާތުން ޝަރުއީ ކޯޓުތަކުގައި ވަކާލާތުކޮށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ވަކީލެކެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ. އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެއްގެ މަގާމު ވެސް އަނަސް ވަނީ ފުރުއްވާފަ އެވެ.