ސައޫދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސަލްމާން މިސްކިތް މިހާރު ހުރީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެން ކަމުން އެ މިސްކިތް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މިސްކިތް ސާފުކޮށް ބަލަހައްޓާނެ މީހުންނާއި ޓެކްނިކަލް މަސައްކަތްތަކުގެ މީހުން ހިމެނޭ ގޮތަށް މިވަގުތަށް 30 މުވައްޒަފަކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިވެސް ލާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ސަލްމާން މިސްކިތަކީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ތަނެއް. އެހެންވީމަ އެތަން ބެލެހެއްޓުމަކީ މިނިސްޓްރީގެ ޒިންމާއެއް. މިވަގުތަށް 30 މުވައްޒަފަކު ނަގަން އަޅުގަނޑުމެން އިއުލާނު ކުރީ. މިހާރު މުއްދަތު ހަމަވެފަ ވަނީ. ދެން މުވައްޒަފުން ނެގުމުގެ މަސައްކަތް ދަނީ ކުރިއަށް." އޭނާ ވިދާޅުވި އެވެ.

ސަލްމާން މިސްކިތް ހުޅުވޭނެ ތާރީހެއް ސަރުކާރުން އަދިވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސައޫދީ ރަސްގެފާނުގެ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ބަޖެޓަކާއެކުއެވެ.

އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެ އެވެ.