ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝައީއަތް ނިމެންދެން ޖަލުގައި ބަންދު ކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓާ) އާއެކު ހަތަރު މީހަކު ހައްޔަރު ކުރީ މިއަަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުގައެވެ.
އެ މައްސަލައިގައި، ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދިފައިވާގޮތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ ޖޫން 24 ގައެވެ.
އެކަމާ ގުޅިގެން އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްބުނެ، ޕެސްޓުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މައްސަަލަ ހައިކޯޓުން ބަަލައި މިއަދު ކުރި ހުކުމްގައި ވަނީ، މި މައްސަލައިގައި އިސްލާއީލް އިފްހާމް މުހައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު