މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި "އޯވާވެލްމްޑް" ނުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މެސެޖް ކުރެއްވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިލްވާން މައްސަލައިގައި ރައީސް ޔާމީން އެފަދަ މެސެޖް ކުރެއްވި ކަމަށް އެންމެ ފުރަތަމަ ލީކު ކޮށްލާފައިވަނީ އަލް ޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިޒް" ޑޮކިއުމެންޓްރީގައެވެ. އެ ޑޮކިއުމެންޓުގައިވާ ގޮތުން އެ މެސެޖު ރައީސް ޔާމީން ފޮނުއްވާފައިވަނީ ކެބިނެޓް މެމްބަރުން ތިއްބަވާ ވައިބާ ގްރޫޕަކަށެވެ.

އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ "އުމަރު، ނޯ ނީޑް ޓު ބީ އޯވާވެލްމްޑް ބައި ރިލްވާން ކޭސް،" ކަމަށެވެ. އެއަށް އުމަރު ވިދާޅުވެފައިވަނީ "އޯކޭ ނޯޓެޑް ސާ" ކަމަށެވެ.

އެކަމާ ގުޅިގެން އުމަރު މިއަދު "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން އެފަދަ މެސެޖެއް ކުރި ކަމަށާއި ނަމަވެސް މެސެޖު ކުރެއްވީ ކެބިނެޓް މިނިސްޓަރުން ތިއްބަވާ ވައިބާ ގްރޫޕެއްގައި ކަމަށެވެ. އަދި އަލްޖަޒީރާއިން އެ މައުލޫމާތު އާންމުކޮށްފައިވަނީ އޮޅޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީން މެސެޖު ކުރެއްވީ އެ މައްސަލައިގައި "އޯވާވެލްމްޑް" ނުވުމަށް ކަމަށާއި އޭގެ މާނައަކީ މައްސަލަ ބެލުން ހުއްޓާލަން އެންގުން ނޫން ކަމަށެވެ. އޭގެ މާނައަކީ "ތިވަރުނުކުރަން" ނުވަތަ "މާބޮޑުވަރު ނުކުރަން" ކަމަށެވެ.

އުމަރު ވިދާޅުވީ ރިލްވާން މައްސަލަ ބެލުން ހުއްޓާލުމަށް ނުވަތަ އެ މައްސަލަ ނުބެލުމަށް ދުވަހަކުވެސް ރައީސް ޔާމީން އަންގާފައިނުވާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ރިލްވާން މައްސަލައިގައި ރައީސް ޔާމީން މެސެޖު ކުރެއްވީ އޯވާވެލްމްޑް ނުވުމަށް. އޭގެ މާނައަކީ މައްސަލަ ބެލުން ހުއްޓާލާށޭ، އެހެނެއް ނޫން އޭގެ މާނައަކީ. ތިއީ މާ ބޮޑުވަރެކޭ އެކަހަލަ މާނައެއް އެއީ. ތިވަރު ނުކުރާށޭ، ތިއީ މާ ބޮޑުވަރެކޭ، އެކަހަލަ މާނައެއް އެއީ. އެހެން ވިދާޅުވީ ކެބިނެޓުގެ ވައިބާ ގްރޫޕެއްގައި. އަޅުގަނޑަށް ވަކިން މެސެޖު ކޮށްފަ ބުނީކީ ނޫން. އަލްޖަޒީރާ ޓީވީން ވަރަށް ބޮޑު ދޮގެއް ހެދީ،" އުމަރު ނަސީރު ވިދާޅުވިއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވި ސަބަބުވެސް އުމަރު ވަނީ ސާފުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ ރިލްވާންގެ މައްސަލައިގައި 80 އޮފިސަރުން އެކަމަށް ނެރެފައިވާ ކަމަށާއި އެއީ ފުލުހުންނާއި ކޯސްޓްގާޑުގެ މީހުން ކަމަށެވެ. އަދި އިތުރަށް މީހުން ނެރުމުގެ ވާހަކަ ދެއްކުމުން "އޯވާވެލްމްޑް" ނުވުމަށް ރައީސް ޔާމީން މެސެޖު ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ވިދާޅުވި ސަބަބަކީ ޔާމީނަށް އެނގިލައްވާނެ 80 މީހުން އޭރު އޮތީ ޑިޕްލޮއިކޮށްފަ އެ ތަހުގީގަށް. އެއީ ފުލުހުންނާއި ކޯސްޓްގާޑުގެ މީހުންނާ. ދެން އިތުރަށް މީހުން ޑިޕްލޮއި ކުރާ ވާހަކަ ދައްކާތީވެ ޔާމީން އެ ވިދާޅުވަނީ ޑޯންޓްބީ އޯވާ ވެލްމްޑްއޭ، އެހެން ވިދާޅުވާނެތާ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާނީ ރިސޯސަސް ޑިޕްލޮއި ކުރަންވީ ވަރު،" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަށް ރައީސް ޔާމީން މެސެޖު ކުރެއްވިކަމުގެ ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި މިވަނީ ރިލްވާން މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހުރަސް އެޅުއްވި ކަމަށް ތުހުމަތުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން އިއްޔެ ހާޒިރު ކުރުމާ ގުޅިގެންނެވެ.

ރައީސް ޔާމީނާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނު އެ ތުހުމަތަށް އިންކާރު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.