ވ. ތިނަދޫ ސްކޫލުގެ ކިޔެވުން 15 އަހަރުފަހުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ސްކޫލް ބަންދުކޮށްފައިވަނީ ރަނގަޅު ފެންވަރުގައި ދަރިވަރުންނަށް ކިޔަވައި ނުދޭ ކަމަށްބުނެ އާބާދީގެ ބޮޑު ބައެއް އެހެން ރަށްތަކަށް ދިރިއުޅުން ބަދަލު ކުރުމުން ސްކޫލް ހުޅުވައިގެން ކިޔަވައިދޭނެ ދަރިވަރެއް ނެތުމުންނެވެ.
ތިނަދޫ ކައުންސިލް ރައީސް ޝިފާގް ހަސަން "ވަން"އަށް މިއަދު ވިދާޅުވީ ތިނަދޫ ސްކޫލް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ޝިފާގު ވިދާޅުވީ ކޮވިޑާ ގުޅިގެން އާމްދަނީ ލިބުން ދަތިވެ ވަރަށް ގިނަ އާއިލާތަކެއް މިހާރު އެރަށަށް ބަދަލުވެފައިވާ ކަމަށެވެ.
"މިރަށުން މީހުން ދިޔައީ ރަނގަޅު ސިއްހީ ހިދުމަތެއް ނުލިބޭ. ރަނގަޅު ކީއްކުރަން އެއްގޮތަކަށްވެސް ނުލިބޭ. ދެން ބޮލުގަ ރިއްސާލިޔަސް ބޮޑު ހަރަދު ކޮށްފަ ދާން މިޖެހެނީ އެހެން ރަށަކަށް ސިއްހީ ހިދުމަތް ހޯދަން. ދެން ދަރިވަރުންނަކަށް ރަނގަޅު ތައުލީމެއް ނުލިބޭ. އެހެންވެ ސްކޫލް ބަންދުކޮށްފަ ހުންނަތާ ގާތްގަނޑަކަށް ވެދާނެ 15 އަހަރު. މިހާރު ސްކޫލް ހުޅުވަން ވެގެން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ދެން ކޮވިޑާ ހެދި ރަށަށް ބަދަލުވި އާއިލާތަކުގެ ކުދިންނަށް ކިޔަވައިދޭން ބެލެނެވެރިންވެސް ބޭނުންވާނެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ސްކޫލް ހުޅުވަން މަސައްކަތް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލް މަރާމާތުކޮށް ނުނިމޭނެ ކަމަށާއި އެހެން ކަމުން އޮންލައިންކޮށް އެ ކުދިންނަށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި މަޝްވަރާކޮށް އެކަމުގެ ތައްޔާރީތަށް ވަމުންދާ ކަމަށެވެ. އަދި ކިޔަވައިދިނުމަށް މިވަގުތު މާލޭ ސްކޫލްތަކުގެ ޓީޗަރުން ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އަމަލީ ގޮތުން ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތައް ކުރިއަށް ގެންދާނީ އެއަތޮޅު ފެލިދޫ ސްކޫލްގެ ދަރިވަރުންނާ އެއްކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދާއިރު ތިނަދޫ ސްކޫލް މެނޭޖުކުރާނީ ފެލިދޫ ސްކޫލްގެ ޕްރިންސިޕަލެވެ.
އޭނާ އިތުރަށް ވިދާޅުވީ ސްކޫލްގެ ކިޔެވުންފެށި ކިޔެވުން ކުރިއަށްދާ ގޮތް ބެލުމަށްފަހު އިތުރު އާއިލާތަކުންވެސް އެރަށަށް ބަދަލުވާން ބުނެފައިވާ ކަމަށާއި އެދެނީ ވީހާވެސް ގިނަ މީހުން ރަށަށް ބަދަލުވެގެން ދަރިންނަށް ކިޔަވައިދިނުން ކަމަށެވެ.
"ގިނަ ރައްޔިތުން ހިޖުރަ ކުރީ މާލެ އަށް. އެއީ ދެން އަޅުގަނޑު ދަންނަވާނީ އެއީ މާލޭ ސްކޫލް ޓީޗަރުން ލައްވާ ކިޔަވައިދިނުމަށޭ. މިހާރު އަޅުގަނޑުމެން މި ގޮވާލަނީ މާލޭ ޓީޗަރުންނޭ ތިނަދޫގަވެސް ކިޔަވައިދެނީ. އެހެން ކަމަށްވާނަމަ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވާނެޔޭ. ރަށްރަށުގައި ތިބި މިރަށު މީހުންވރެސް އަދި އެހެނިހެން ރަށްތަކުގެ މީހުންވެސް ތިނަދޫ ސްކޫލަށް ދަރިވަރިުން ވައްދައިގެން ކިޔަވައިދިނުމަށް އަންނާށޭ އަޅުގަނޑު މި ގޮވަނީ." އޭނާ ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ ރަށު ސްކޫލަށް ވަންނަ ބޭނުންވާ ހަތް ކުއްޖަކު އެބަތިބި ކަމަށާއި އަދި ހާއްސަ އެހީ ބޭނުންވާ ދެ ކުއްޖަކުވެސް އެބަތިބި ކަމަށެވެ. އެހެން ކަަމުން މިދެ ކުދިންނަށް ކިޔަވައިދިނުމަށް އެކަމަށް ހާއްސަ ޓީޗަރުންވެސް އެޑިއުކޭޗަނުން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު