ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މި މަހުގެ ދެވަނަ ދުވަހު ނެރުނު ސާކިއުލާގައި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އެދިފައިވާތީއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ، މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީހަށް ބަލައި، ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިން ޖެހުން ރައްކާތެރި ނޫން ކަމަށް ރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް މި ދެންނެވުމުގައި އަންގާފައިވެއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.