މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށާއި ދައުލަތުގެ އެންމެ މަތީ މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު އެގޮތަށް ނިންމެވުމަކީ ހިތާމަކުރާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރަނީ ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.

އެކަމާ ގުޅިގެން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ކަމަށެވެ.

"ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން،" މިސްބާހު ވިދާޅުވިއެވެ.

މިސްބާހު ވިދާޅުވީ ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ މި މައްސަލައަށް ރައީސް ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން ކަމަށާއި ނަމަވެސް ކޮމިޝަނުން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށެވެ.

"ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން. ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ދައުލަތުގެ އެންމެ މަތީ މަގާމު އަދާކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައިވާތީ ކޮމިޝަނުން ހިތާމަ ކުރަން،" މިސްބާހު ވިދާޅުވިއެވެ.

ކޮމިޝަނުން ނުކުމެވަޑައިގެން އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނަށް ކުރަނީ ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވުމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން ރައީސް ޔާމީން ކުރެއްވީ ކޮންކަމެއް ކަމެއް ކޮމިޝަނުން ސާފުކޮށް ނުދޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކުރައްވާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެ މައްސަލައަށް ހުރަސް ނާޅުއްވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ތުހުމަތަށް އިއުތިރާޒް ކުރާ ވާހަކަ. އެބޭފުޅުން ދެންނެވީ ހުރަސް އެޅީއޭ. އެކަމަކު ހުރަސް ނާޅާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މި މައްސަލައަކީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ވެރިކަމަށް ވަޑައިގެންފާނެކަމުގެ ބިރަށް މިސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މި ސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.