މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުކޮށްފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމުގެ ތުހުމަތަށް ކަމަށާއި އެ ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހުއެވެ.
ކޮމިޝަނުން ނުކުމެވަޑައިގެން އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނަށް ކުރަނީ ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވުމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން ރައީސް ޔާމީން ކުރެއްވީ ކޮންކަމެއް ކަމެއް ކޮމިޝަނުން ސާފުކޮށް ނުދޭ ކަމަށެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކުރައްވާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެ މައްސަލައަށް ހުރަސް ނާޅުއްވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ވިދާޅުވީ ތުހުމަތަށް އިއުތިރާޒް ކުރާ ވާހަކަ. އެބޭފުޅުން ދެންނެވީ ހުރަސް އެޅީއޭ. އެކަމަކު ހުރަސް ނާޅާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މި މައްސަލައަކީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ވެރިކަމަށް ވަޑައިގެންފާނެކަމުގެ ބިރަށް މި ސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މި ސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ސިފަ ކުރެވުނީ މުޅި އެއްޗަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، 2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުގައި އެބޭފުޅުން ކުރައްވާ ކަމެއް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
މަރު ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިލްވާން މައްސަލައިގައި ޔާމީނަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރިލްވާން މައްސަލައިގައި އަލުން ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މިއީ ރައީސް ޔާމީން ބަދުނާމުކޮށް، ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވިއެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު