ލަންކާގެ ކުރީގެ ރައީސް މައިތިރިޕަލަ ސިރިސޭނާ 2024ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ދައުރުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެދިވަޑައިންގެންފައިވަނީ ސިރިސެނާ ޗެއާމަނެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ޝްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިންނެވެ.

ގައްލެ ޑިސްޓްރިކްޓުގައި ކުރިއަށްދިޔަ އެ ޕާޓީ ބައްދަލުވުމުގައި ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެންބަރު ތިސަރަ ގުނަސިންގެ އެމަނިކުފާނުގެ އަރިހުން 2024ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 29 ޖުލައި 2021 ދުވަހު ލިޔުމުން އެދިވަޑައިގެންފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިކަމަށް ވަކި އެއްޗެއް ވިދާޅުވެފައި ނުވާކަން ވަނީ ފާހަގަކުރައްވާފައެވެ.

2015 ވަނަ އަހަރު ރައީސް ސިރިސެނާ އެ ގައުމުގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވެވަޑައިގެންފައިވަނީ އޭރުގެ ސަރުކާރާ އިދިކޮޅަށް ކޯލިޝަނުން ނުކުންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ.

2019ވަނަ އަހަރުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރެއްވުމުގެ ބަދަލުގައި އެޕާޓީން ވަނީ މިހާރު ރައީސްކަމުގައި ހުންނެވި ގޮޓަބަޔަ ރާޖަޕަކްސަ ވެރިކަމަށް ގެނައުމަށް ތާއީދުކުރައްވާފައެވެ.

ރައީސް ސިރިސެނާގެ ރިޔާސަތުގައި 2019ވަނަ އަހަރުގެ އީސްޓާ އާއި ދިމާކޮށް އެގައުމުގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެންމެފަހުން ނެރުނު ރިޔާސީ ކޮމިޝަން އިންކުއަރީގެ ރިޕޯޓުގައި ހަމަލާގެ ޒިއްމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފެންނަކަމުގައި ވަނީ ފާހަގަކޮށްފައެވެ.